Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

ޑޮކްޓަރުން ސްޕެޝަލައިޒްވާން 15 ސްކޮލަޝިޕް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް.، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ސުޕަރސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށް ހާއްސަ ސްކޮލަރޝިޕް ސްކީމެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތައާރަފު ކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިއީ، ސަރުކާރުގެ އޮފީސްތަކުގެ 3 އަހަރުދުވަހުގެ "ޓްރެއިނިންގ ނީޑްސް" ގައި ފާހަގަކުރެވިފައިވާ، ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެއް ކަމަށެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ފައިދާ ލިބޭނީ އަތޮޅުތެރޭގައި ތައުލީމީ، ފަންނީ ގާބިލު މީހުން ހިދުމަތް ކޮށްގެންކަމަށެވެ.

"ރީޖަނަލް ހޮސްޕިޓަލްތަކަށް ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނު ކުރުމަށް ހާއްސަ ސްކޮލަރޝިޕްތަކެއް ތައާރަފްކުރީ މި މަގުސަދު ހާސިލުކުރުމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާއި 6 ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެ 6 ރީޖަނަލް ހޮސްޕިޓަލަކީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ.ޢަބްދުޞަމަދް މެމޯރިއަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މ.މުލީ ރީޖަނަލް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 14 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވެއެވެ.

އެ ދާއިރާތަކަކީ، އެނަސްތީސިއޮލޮޖީ، އިންޓާރނަލް މެޑިސިން، އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަރީ، ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ، ޕީޑިއަޓްރިކް ނިއުރޮލޮޖީ، އޮޕްތަލްމޮލޮޖީ، ޑާރމަޓޮލޮޖީ، ނިއޯނޭޓޮލޮޖީ، ޕަލްމިނޮލޮޖީ، ނެފްރޮލޮޖީ، އެންޑްރޮކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި ގައިނޮކޮލޮޖީ އެވެ. މި ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.