އައްޑޫގައި ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީކޮށް ފުޅާކުރާ ވާހަކަ ދެއްކިޔަސް ބޮޑު މަންޒަރުން ފެންނަނީ އަައްޑޫ އެކަމަށް ތައްޔާރު ނޫންކަން ކަމަށް އޭސް ޓްރެވެލްގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) މިއަދު ވިދާޅުވެއްޖެ އެވެ.
ގަން އިންޓަނޭޝަަނަލް އެއާޕޯޓަށް މި ވަގުތު ހަމައެކަނި ޝެޑިއުލް ދަތުރުތައް ބާއްވާ ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓްގެ ވެރިޔާ "އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައްޑޫން އަބަދު ވެސް ދައްކަނީ ވާހަކަ ކަމަށާއި ޓޫރިޒަމް ކުރިއަރުވާކަށް ހަގީގީ ސިފައެއްގައި އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ.
އެގޮތުން އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ޒޯންތަކެއް ކަނޑައަޅައި، އެތަންތަނުން ބިންތަކެއް ހަވާލުކޮށްގެން އެތައް ދުވަހެއް ވީ އިރު ވެސް، އެއްވެސް ދިމާއަކުން އެނދެއް ވެސް އިތުރުވެފައި ނުވާ ކަމަށް ފިރާގް ވިދާޅުވި އެވެ. އެހެންވެ ޓޫރިޒަމް ކުރިއަރުވާކަށް އައްޑޫގެ ކަމާބެހޭ އެއްވެސް ބަޔަކު އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި ހުސް ވާހަކަތައް ދެކެވެނީ. ކަމެއް ތަންފީޒުކުރެވޭ ހިސާބަކަށް އެއްވެސް ކަމެއް އައްޑޫގައި ކުރެވޭ ތަނެއް ނުފެނޭ. އެހެންވެ ވަރަށް ކެރިގެން ބުނަން ކެރިދާނެ އައްޑޫ ޓޫރިޒަމަކަށް ތައްޔާރަށް ނޫނޭ." ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އެހެން ފެސިލިޓީތަކެއް ހުއްޓަސް އެތަންތަން ޕްރޮމޯޓްކޮށް، ޓޫރިސްޓުން އަންނަން ހިތްޖެހޭ ކަހަލަ ކަންކަން ނުކުރެވޭ ނަމަ، އައްޑުއަކަށް ޓޫރިސްޓުން ނާންނާނެ ކަމަށެވެ.
"އެންމެ ކުޑަމިނުން ރަނގަޅު ބީޗެއް ވެސް އޮތީކީ ނޫން. މިހެން ހުރި ކަންކަން ރަނގަޅުކޮށްދޭން ވާހަކަތައް ދެކެވި މަޝްވަރާތައް ކުރެވުނު އަދަދެއް ވެސް ބުނާކަށް ނޭނގޭ." ފިރާގު ވިދާޅުވި އެެވެ.
އޭނަ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ވެސް ވަކި ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ އެކަމެއް ކުރާ ކަމަށާއި އެކަމަކު ޓޫރިޒަމާ ގުޅުން ހުރި ކަމެއް ކުރަންވެއްޖެ ނަމަ އެއިން އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑު ހަމައެކަނި ފިރާގު މިކަމަކާ އުޅުނަސް މިއީކީ ވާނެ ކަމެއް ނޫން. ކަމާ ގުޅުން ހުރި ހުރިހާ އެންމެން އެކީގައި މަސައްކަތްގެން ނޫނީ ނަތީޖާތަކެއް ނުނެރެވޭނެ. އެކަމަކު އައްޑުއާ ޖެހުނީމަ އެ ރޫހެއް ނުފެނޭ. އަޅުގަނޑުމެންނަށް ފެނޭ ރާއްޖޭގެ އެހެން ދިމަދިމާތައް ޓޫރިޒަމަށް ފައްކާވަނުން އަންނަ މަންޒަރު، ކުރިއަރަމުން އަންނަ މަންޒަރު،" ފިރާގު ވިދާޅުވި އެވެ. "އައްޑޫގެ ބެޑް ކެޕޭސިޓީ ވެސް އިތުރު ނުކުރެވި އޮތީ މިކަހަލަ ދޯދިޔާ ކަންކަމާ ހެދި. މޭޔަރު [އަލީ ނިޒާރު] މެން ފަދަ ބޭބޭފުޅުން ވެސް ވަކި ކަމެއް ކުރައްވަން އުޅުއްވައިފިއްޔާ އެކަމެއް ކުރެވޭ ތަން ފެނޭ. ލިންކް ރޯޑްގައި ހުރި ރުއްތަކެއް ވެސް ހަމަ ދުއްވާލީނޫންތޯ އެ ބޭފުޅުން ހަމަ ބޭނުންވީމަ. އެކަމަކު އައްޑޫގެ އިގުތިސާދާ ގުޅުން ހުރި މުހިއްމު ކަމެއް ވިއްޔާ ނުކުރެވޭ ތަން ފެންނަނީ."
އޭނާ ވިދާޅުވީ އައްޑޫގެ އިގުތިސާދަށް ކުރިއެރުން ގެންނަން ބަޔަކު މަސައްކަތް ކުރިޔަސް، ކަމާ ގުޅުން ހުރި އެހެން ދިމާތަކުން އެއްބާރުލުމާއި އެހީތެރިކަން ނުލިބޭ ނަމަ ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. އެހެންވެ އައްޑޫގެ ކަންކަމާ ހެދި "ފްރަސްޓްރޭޓްވުން" ނޫން ކަމެއް ނެތް ކަމަށް ފިރާގު ވިދާޅުވި އެވެ.
"މިކަހަލަ އިޝޫތަކެއް ހުރީމަ ސްރީ ލަންކަންގެ ދަތުރުތައް ގަމަށް [އަނެއްކާ ވެސް] ހުއްޓާލަން ޖެހުމަކީ ވެސް ހަމަ ވަރަށް ޕޮސިބަލް ކަމެއް. އެހެންވީމަ އެބަޖެހޭ ދާއިމީކޮށް ކަންކަންކުރެވޭ ގޮތަށް ކަންކަން ހިންގައި ތަންފީޒުކުރަން. ދުނިޔެ މިހާރު އޮތީ ވެސް ވަރަށް މަސައްކަތްކޮށްގެން ނޫނީ ކަންކަން ރަނގަޅު ނުކުރެވޭ ކަހަލަ ޗެލެންޖިން ސިޗްއޭޝަނެއްގައި. އެހެންވީމަ މިކަހަލަ ކަންކަމާ ދޭތެރޭ އެބަ ޖެހޭ ސީރިއަސްކޮށް ވިސްނަން،" ފިރާގު ވިދާޅުވި އެވެ. "އަޅުގަނޑުމެން ސްރީ ލަންކަންގެ ދަތުރުތައް މިހާރު މި ބާއްވަނީ އައްޑުއަކަށް އަމާޒުކޮށްގެނެއް ވެސް ނޫން. މުޅި ސައުތަށް އަމާޒުކޮށްގެން. ހާއްސަކޮށް މިހާރު ސަފާރީތަކަށް އަންނަ ޓޫރިސްޓުންނަށް ޓާގެޓްކޮށްގެން."
Fabulous Saturday with @flysrilankan #GanAirport #visitmaldives #Addu pic.twitter.com/Ql94lkc3KC
— Gan International Airport (@Ganairportco) March 12, 2022
ސްރީ ލަންކަން އެއާލައިންސުން ޑިސެމްބަރު މަހުގެ 4 އިން ފެށިގެން ގަމަށް ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ދަތުރެއް ބާއްވަމުން އަންނަ އިރު، މި މަހުގެ 29 އިން ފެށިގެން ދަތުރު ދޭކަށް އިތުރުކުރާނެ އެވެ.
ފިރާގު ވިދާޅުވި ގޮތުގައި މިއަދު ވެސް 14 މަންޒިލަކުން 100 އެއްހާ ޓޫރިސްޓުން ގަމަށް ގެނެވުނެވެ. އޭގެ ތެރެއިން ނިސްބަތުން ގިނައީ ނޫން ދެކުނުގެ އެހެން ދިމާތަކުގެ ޓޫރިސްޓް ފެލިސިޓީތަކަށް އައި ޓޫރިސްޓުންވެ.