ޗެލްސީގެ ޑިރެކްޓަރުގެ މަގާމުން އެ ކްލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ދުރުކުރަން ޕްރިމިއާ ލީގުގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ޕްރިމިއާ ލީގުގެ ބޯޑުން މި ނިންމުން ނިންމީ އަބްރަމޮވިޗްއާ ދެކޮޅަށް އިނގިރޭސި ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެވެ. އެގޮތުން އިނގިރޭސި ސަރުކާރުން މިހާރު ވަނީ އަބްރަމޮވިޗްގެ މުދާތައް ފްރީޒްކޮށްފަ އެވެ. އިނގިރޭސި ސަރުކާރުން އެ ފިޔަވަޅު އެޅީ ރަޝިއާގެ ރައީސް ވްލަޑަމިއާ ޕޫޓިންއާ ގާތް ގުޅުމެއް އަބްރަމޮވިޗް ބާއްވަމުންދާ ކަމަށް ތުހުމަތުކޮށެވެ.
ޕްރިމިއާ ލީގުގެ ބޯޑުން މި ނިންމުން ނިންމި ނަމަވެސް ޗެލްސީ އަށް ލީގު މެޗުތަކުގައި ކުޅުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.
އަބްރަމޮވިޗް އަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޗެލްސީ މިހާރު ހިންގަމުން އަންނަނީ ހާއްސަ ލައިސަނެއްގެ ދަށުންނެވެ. އެ ލައިސަންސްގެ ދަށުން ކްލަބު ހިންގާއިރު ޗެލްސީ ކުޅޭ މެޗުތަކަށް ސަޕޯޓަރުން ވައްދަން ޓިކެޓް ނުވިއްކޭއިރު އެ މެޗުތަކަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ 25،000 ޗެލްސީ ސަޕޯޓަރުންނަށެވެ. އަދި ޗެލްސީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުން ވެސް މިވަގުތަށް ވަނީ ހުއްޓާލަން ޖެހިފަ އެވެ.
އަބްރަމޮވިޗަށް ފިޔަވަޅު އެޅި ނަމަވެސް އިނގިރޭސި ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން ކްލަބު ވިއްކާލުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދެވޭނެ އެވެ. ނަމަވެސް ކްލަބު ވިއްކާލުމަށްފަހު ލިބޭ އެއްވެސް ފައިސާ އެއް އަބްރަމޮވިޗް އަށް ނުލިބޭ ގޮތް އިނގިރޭސި ސަރުކާރުން ވަނީ ހަދާފަ އެވެ.
ޗެލްސީ ވިއްކާލަން ނިންމިކަން އަބްރަމޮވިޗް އިއުލާން ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. ޗެލްސީ ގަތުމުގެ ޝައުގުވެރިކަން މިހާތަނަށް 10 ފަރާތަކުން ފާޅުކޮށްފައިވާއިރު ބިޑުތައް ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 18 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ޗެލްސީ ވިއްކާލުމުގެ ކަންކަން އަބްރަމޮވިޗްގެ ފަރާތުން ކުރިއަށް ގެންދަނީ އެމެރިކާގެ އިންވެސްޓްމެންޓް ބޭންކަކުންނެވެ.
އަބްރަމޮވިޗް ޗެލްސީ ގަނެފައިވަނީ 2003 ވަނަ އަހަރު ކަމަށްވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ޗެލްސީ ވިއްކާލާނީ ދެ ބިލިއަން ޕައުންޑުގެ އަގަކަށެވެ. ޗެލްސީ ގެންނަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ތިން ބިލިއަނަރަކާއި، ސައުދީ އަރަބިއްޔާގެ ކުންފުންޏެއްގެ އިތުރުން އިނގިރޭސިވިލާތުގެ ބިލިއަނަރެއް ހިމެނެ އެވެ.