Last Updated: June 30, 04:35
Monday, June 29, 2026
ސިޔާސީ

އަލްހާން އަމިއްލަ ގޮތުން ފޭދޫ ދާއިރާ އަށް

ފޭދޫ ދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބްވި ފަހުން، ވަޅީގެ ހަމަލާއެއްގައި ޒަހަމްވެ، ލަންކާގައި ފަރުވާ ހޯދަމުން އަންނަ ފޭދޫ ދާއިރާގެ މިހާރު މަޖްލިސް މެމްބަރު އަލްހާން ފަހުމީ އަމިއްލަ ގޮތުން އެދާއިރާއަށް ކުރިމަތިލާން ނިންމަވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މައްސަލަ ތަކެއް ހުރި ކަމަށް ބުނެ އަލްހާން ހުށަހެޅި މައްސަލާއި ގުޅިގެން ފަހަރުގައި އެދާއިރާގެ ޕްރައިމަރީ ކެންސަލް ކުރަން ޖެހިދާނެކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިއަދު އެމްޑީޕީގެ އިލެކްޝަން އޮފިޝަލަކު ވިދާޅުވީ ފޭދޫ ދާއިރާގެ ޕްރައިމަރީ ކެންސަލް ނުކުރާނެ ކަމަށެވެ. އަދި އަލްހާން ހުށަހެޅި މައްސަލަ ބެލިއިރު އިންތިހާބް ބާޠިލް ކުރަންޖެހޭ ވަރުގެ ކަމެއް ހިނގާފައި ނުވާކަމަށެވެ.

އަލްހާން މިއަދު ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ފޭދޫ ދާއިރާ އަށް ކުރިމަތިލާން ނިންމީ އެމްޑީޕީގެ ވަކި ބަޔަކު ބޭނުންވާ ގޮތަށް ޕާޓީގެ ކަންކަން ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ. އަދި ޕްރައިމަރީގެ މައްސަލަ ސިވިލް ކޯޓަށާއި، އިލެކްޝަނަށް ހުށަހަޅާނެ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އަލްހާން އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވި އިރު އެދާއިރާގެ ޕްރައިމަރީ ކާމިޔާބްކޮށްފައި ވަނީ ފޭދޫ، ސިވިލްޒޭޝަން ހައުސް، މުހައްމަދު ނިހާދު އެވެ.

ނިހާދު އަށް އެ ދާއިރާ އިން ލިބިވަޑައިގެންފައި ވަނީ 316 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަހުމަދު މިރުޖާދު އަށް ލިބިވަޑައިގަތީ 186 ވޯޓެވެ. އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.