އައްޑޫގެ ދެ ސަރަހައްދަކުން ޓޫރިސްޓުންނަށް މޫދަށް އެރެވޭ ގޮތަށް ދެ ބީޗެއް ހެދުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ކައުންސިލުން ބުނެފި އެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ އެ ދެ ސަރަހައްދަކީ ފޭދޫ ބިން ހިއްކި އިރު، އެ އަވަށާ ގުޅުވާފައި އޮތް ފޭދޫ ކައިރީ އޮތް ފަޅުރަށް ދިހެރައިގެ ފުއްޓަރު ފަރާތާއި ހިތަދޫ ބަނދަރާ ދިމާލުން އޮތް ފަސްގަނޑު ސަރަހައްދު ކަމަށެވެ.
"މި ވަގުތު ޓޫރިސްޓުންނަށް ހާއްސަ ބީޗްތަކެއް ހެދެން އޮތް އެންމެ ރަނގަޅު ދެ ދިމާއަކީ އެއީ. ވަކިން ހާއްސަކޮށް ދިގިހެރަ ސަރަހައްދު. އެހެންވީމަ މާ ލަސްތަކެއް ނުވެ ބީޗްތަކެއް ހެދިގެން އެތަންތަނުގެ ބޭނުން ކުރެވެން ފަށާނެ. އޭރުން ގެސްޓް ހައުސް ފަދަ ފެލިސިޓީތަކަށް އަންނަ ޓޫރިސްޓުންނަށް އެރެވޭނެ ރަނގަޅު ބީޗްތަކެއް ހުންނާނެ." އޭނާ ވިދާޅުވި އެވެ.
ޝުއާއު ވިދާޅުވި ގޮތުގައި ދިގިހެރައިގައި ބީޗްގެ މަސައްކަތް ފަށަން ކުރިން ވެސް ވަރަށް ބޮޑަށް މަޝްވަރާކުރެވިފައި އޮތް ނަމަވެސް އެކަން ލަސްވީ މަސައްކަތަށް ބޭނުންވާ ވެހިކަލްގެ ދަތިކަމާ ހެދި އެވެ.

"އެތަނުގެ މަސައްކަތަށް އެކްސްކަވޭޓަރެއް އެބަ ބޭނުންވޭ. މަސައްކަތްތަކަށް ބޭނުންކުރާނެ މާ ގިނަ އެއްޗެހީތަކެއް ނެތީމަ އެ ދަތިކަން ބޮޑު. އެކަމަކު އަންނަ ހަފުތާގެ ތެރޭގައި އެކްސްކަވޭޓަރެއް [އައްޑޫގައި ހުރި] ރަނިން ކޮންޑިޝަނަކަށް ގެނެވި ދިގިހެރައިގެ ބީޗް ތައްޔާރު ކުރުމުގެ މަސައްކަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ. "އަސްލު މި ދަތިކަން ނެތް ނަމަ އެތަނުގެ މަސައްކަތް އޮންނާނީ މިހާރު ނިމިފައި."
މީގެ އިތުރުން ފަސްގަނޑު ސަރަހައްދު ޓޫރިސްޓުންނަށް ހާއްސަ ބީޗަކަށް ހަދާ އިރު އެތަނުގެ މަސައްކަތަށް ވެސް ބާޖެއް ބޭނުންވާ ކަމަށް ޝުއާއު ވިދާޅުވި އެވެ.
"ބާޖެއް ގެންގޮސް އެތަނަށް ވެސް ވެލި އަޅައި ފަސޭހައިން އަރައިފޭބޭ ގޮތަށް ހެދުމާ އެކު ޓޫރިސްޓުންނަށް އެ ސަރަހައްދު ވެސް ބީޗެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހެދުން މާ ލަސްތަކެއް ނުވެ ފެށޭނެ ކަމަށް މި ބަލަނީ." އޭނާ ވިދާޅުވި އެވެ.

އައްޑޫގައ ލޯކަލް ޓޫރިޒަމް ކުރިއަރުވަން ބަލާ އިރު ޓޫރިސްޓުން އެރޭނެ ރަނގަޅު ބީޗެއް ނެތުމުގެ ޝަކުވާ އަކީ ގެސްޓްހައުސްތައް ހިިންގާ މީހުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.
ޝުއާއު ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އައްޑޫގައި "ހޯމް ސްޓޭ" ޓޫރިޒަމް ވެސް ފެށިގެންދާނެތީ މިހާރު ހަދަން ނިންމާފައިވާ ބީޗްތަކާ އެކު، ލޯކަލް ޓޫރިޒަމަށް ކުރިއެރުން އަންނަން ފަށާނެ އެވެ.
"ހަމައެކަނި ކައުންސިލް އެކަންޏަކު ވެސް މިކަންކަމެއް ނުވާނެ. އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ. ކައުންސިލުން ވަރަށް ބޭނުންވޭ ލޯކަލް ޓޫރިޒަމް ކުރިއަރުވައި އައްޑޫގެ އިގުތިސާދަށް އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނަ ތަން ދެކެން." އޭނާ ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން ކައުންސިލުން ވަނީ އަވަށްތަކުގައި ޓޫރިޒަމް ޒޯންތަކެއް ވެސް ކަނޑައަޅައިފަ އެވެ. އަދި އެތަންތަނުގައި ފެސިލިޓީތައް ހެދުމަށް މިހާތަނަށް 50 އަށް ވުރެ ގިނަ ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. އަދި އާންމު ފަރާތްތަކަށް ދޫކުރާ އިތުރު ބިންތަކަށް ވެސް މި ހަފުތާގެ ތެރޭގައި ހުޅުވައިލަން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި މަޝްރޫއުގެ އަވަސްކުރުމުގެ ގޮތުން ސީދާ ކައުންސިލުން ވެސް ޓޫރިޒަމް ޒޯންތަކުގައި ފެސިލިޓީތަކެއް ހަދައި، އެ ތަންތަން މެނޭޖްކުރަން އައުޓްސޯސްކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.