Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

ރައީސްގެ ޒީރޯ ޓޮލެރެންސް އޮތީ ޖީބުގައި: މަަލީހު

މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ތަން ނުފެންނަަން ފާހަގަކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ "ޒީރޯ ޓޮލެރެންސް ޖީބަށް ލައްވައި ޒިބު ދަންމަވައިގެން ކަމަށް" ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސަތުން ހަޑުހަރުކޮށް ގޮވަމުން ދަނީ ސަރުކާރުތެރޭ ވައްކަމާއި ކޮރަޕްޝަން އާންމުވެއްޖެކަން ކަމަށެވެ.

"ރ.އިބޫގެ ވަޒީރުން ނުފެނިގެން ބަލާ އިރު ކޯޓްތަކުގައި. ހުކުމް ޖަހާ އިރު ވެސް ރައީސް އޮފީހުގައި." މަލީހު ވިދާޅުވި އެވެ.

އޭނާ މިފަދަ މޭރުމަކުން ޓްވީޓްކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރީގައި އޭގައި ވާދަކުރާ ދެ ކެންޑީޑިޓުން ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕޭނާ އެކު ޕާޓީ "ދެ ފަޅިވެ" އެއް ބަޔަކު އަނެއް ބަޔަކަށް ވަރުގަދަ ރައްދުތަކެއް ދެމުން އަންނާތީ އެވެ. އިންތިގެ ފަޅިން ތުހުމަތުކުރާ ގޮތުގައި ފައްޔާޒަށް ތާއީދު އޮތް ރައީސް ސޯލިހުގެ ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގާ ކަމަށް ވަރަށް ފާޅުގައި އަންނަނީ ބުނަމުންނެވެ.

އަނެއްކޮޅުން މި ސަރުކާރުގެ ބައެއް ވަޒީރުންނަށް އެފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އޭގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލާގައުި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައި އޭނާ މަގާމގައި ބެހެއްްޓުމަކީ "ޒީރޯ ޓޮލަރެންސް" ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ގޮވާގޮވުންތައް އެމްޑީޕީ ތެރޭގައި މިހާރު ބޮޑެވެ.

ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު ވާގިދޭ މެމްބަރުންގެ ފަރާތުންނެވެ.