Last Updated: July 12, 14:13
Sunday, July 12, 2026
ދުނިޔެ

ރަޝިއާގައި އިންސްޓަގްރާމް ބްލޮކްކުރަނީ

ފޭސްބުކް ވެސް ރަޝިއާ އިން ބްލޮކްކޮށްފައި ވަނިކޮށް، އެ ހިންގާ މެޓަގެ އިންސްޓަގްރާމް ވެސް އެ ގައުމުގައި މާދަމާ އިން ފެށިގެން ބްލޮކްކުރަން ނިންމައިފި އެވެ.

މި ވާހަކަ އިންސްޓަގްރާމްގެ ހެޑް އެޑަމް މޮޒެރީ ވެސް ހިއްސާކޮށްފައިވެ އެވެ. އޭނަ ސޯޝަލް މީޑިއާގައި ވިދާޅުވީ ރަޝިއާ އިން އިންސްޓަގްރާމް ބްލޮކްކުރުންވާނީ 80 މިލިއަން މީހުން އެ ހިދުމަތުން މަހުރުމޫވެ، އެ ޕްލެޓްފޯމް މެދުވެރިކޮށް ގުޅުން އޮތް އެތައް ބަޔަކާ ގުޅުން ކެނޑުން ކަމަށެވެ.

"މިކަން ވާނީ ވަރަށް ގޯސް ނިންމުމަކަށް." އޭނާ ވިދާޅުވި އެވެ.

ރަޝިއާ އިން އިންސްޓަގްރާމް ބްލޮކްކުރަން ނިންނީ އެ ގައުމުން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ހެދި ރަޝިއާއާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރައި، އެ ގައުމާ ދޭތެރޭ ޓެކް ކުންފުނިތަކުން ބޮޑެތި ތަފާތުކުރުންތަކެއް ވެސް ގެންގުޅޭ ކަމަށް ތުހުމަތުކޮށެވެ. ރަޝިއާގެ ކޮމިއުނިކޭޝަން އޭޖެންސީ، ރޮސްކޮމްނަޑްޒާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މެޓަގެ ޕްލެޓްފޯމްތަކުން ދަނީ ރަޝިއާ އާއި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އަނިތާވެރިވުމަށް ހިތްވަރުދީ، އެ ގައުމާ ބެހޭ ގޮތުން ސައްހަ ނޫން އެތައް ވާހަކަތަކެއް ފަތުރަމުންނެވެ.

"އެހެންވީމަ މިފަދަ ސަބަބުތަކާ ހެދި މި މަހުގެ ސާދައިން ފެށިގެން ރަޝިއާގައި އިންސްޓަގްރާމް ބޭނުމެއް ނުކުރެވޭނެ." ރަޝިއާ އިން ބުންޏެވެ.

އެ ގައުމުން މިފަދަ ނިންމުންތައް ނިންމަމުންދާ އިރު، މާސް މީޑިއާ އަށް ވެސް ބިރު ދައްކައި އިންޒާރު ދީފައިވެ އެވެ. އެގޮތުން ރަޝިއާގައި ތިބެހެން އެ ގައުމާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރާ ނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ގާނޫނަކަށް މިހާރު ދަނީ އަމަލު ވެސް ކުރަމުންނެވެ.