Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ޓޫރިޒަމް ޒޯންތަކުން 27 ބިމަކަށް ހުޅުވާލައިފި

މީދޫގެ ޓޫރިޒަމް ޒޯނެއް. ފޮޓޯ/ މީދޫ އަވަށު އޮފީސް

އައްޑޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ތެރެއިން ޓޫރިޒަމް ޒޯންތަކުން ދޫނުކޮށް ހުރި ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެގޮތުން ހިތަދޫ "މާމެން ބީޗް" ޓޫރިޒަމް ޒޯނުން ޖުމްލަ ހަ ބިމެއް ދޫކުރަން ނިންމާފައިވާ އިރު، އޭގެ ތެރެގައި ހިމެނެނީ ގެސްޓް ހައުސްތަކަށް ދޫކުރާ ހަތަރު ބިމާއި ސިޓީ ހޮޓަލަކަށް ދޫކުރާ ބިމެކެވެ.

ފޭދޫ "ސަވާ ބީޗް" ޓޫރިޒަމް ޒޯނުން ގެސްޓް ހައުސްތަކަށް ދެ ބިން ދޫކުރަން ހަމަޖެހިފައިވާ އިރު، ހުޅުދޫ "ކޭވައް ބީޗް" ޓޫރިޒަމް ޒޯނުން ނުވަ ބިމެއް ދޫކުރަން ހަމަޖެހިފައިވެ އެވެ. އެއީ ގެސްޓް ހައުސް އަށް ދޫކުރާ ހަތް ބިމާއި ސިޓީ ހޮޓާ ހަދަން ދޫކުރާ ދެ ބިމެވެ.

މީގެ އިތުރުން މީދޫ ކޯގަން ބީޗް" ޒޯނުން މި ފަހަރު ޖުމްލަ 10 ބިމަކަށް ވަނީ ހުޅުވާލައިފަ އެވެ. އެއީ ގެސްޓް ހައުސް އަށް އަށް ބިމާއި ހޮޓާ ހިންގަން ދެ ބިމެކެވެ.

މި ބިންތަކަށް ޕްރޮސޯޕަލްތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 އެވެ. އަދި މިކަމާ ބެހޭ ބިޑް ޑޮކިއުމަންޓްތައް މާދަމާ އިން ފެށިގެން ވިއްކާނެ އެވެ. ދިވެހިންނަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 2،000ރ. އަށެވެ. އަދި ބިދޭސީ ފަރާތްތަކަށް ވިއްކާނީ 300 ޑޮލަރަށެވެ.

އައްޑޫގައި ފަސް ޓޫރިޒަމް ޒޯނެއް ކަނޑައަޅައި އެތަންތަން ތަރައްގީކުރަން ހިންގާ މަޝްރޫއަކީ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. މީގެ ދަށުން މިހާތަނަށް 50 ވަރަކަށް ބިން އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. ޓޫރިޒަމް ޒޯންތަކުން ދޫކުރަން ނިންމާފައި އޮތީ ޖުމްލަ 93 ބިމެކެވެ.

އެގޮތުން މިއަދު ހުޅުވައިލި 27 ބިމާއި ކުރިން ހަވާލުކޮށްފައިވާ ބިންތައް ފިޔަވައި އެހެން ބިންތަކުގައި ސީދާ ކައުންސިލުން ފެސިލިޓީތައް ތަރައްގީކޮށް އެތަންތަން ހިންގަން އައުޓްސޯސްކުރަން ހަމަޖެހިފައިވެ އެވެ.