މިހާރު ކަނޑައަޅާފައިވާ ޓެކްސީ އަގަށްވުރެއް ބޮޑު އަގު ނަގާނަމަ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން އެމީހުންގެ ޑިމާންޑްތަކާއެކު ހުޅުމާލޭގައި އިހުތިޖާޖުކޮށް، ހުޅުމާލެއާއި މާލެއާއި ގުޅޭ މަގު ބޭނުންކޮށްގެން ދަތުރު ނުކުރެވޭގޮތަށް ހަނި މަގު ބަންދުވާނެފަދަ ގޮތަށް އަމަލުތައް ބަހައްޓައި، އާންމު ރައްޔިތުންނަށް ދެމުންއައި ޓެކްސީގެ ހިދުމަތް މެދުކަނޑާލައިފައިވާތީ ޓެކްސީގެ ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.
"ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ޚިދުމަތަށް ބުރޫ ނާރާނެގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ. އަދި ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ގަވާއިދު ނަންބަރު 1475-R/2013 (ޓެކްސީ ގަވާއިދު) ގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ." މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ޓެކްސީ ގަވައިދާ ހިލާފަށް ހިދުމަތްދޭނަމަ އެޅޭނެ ފިޔަވަޅުތަކުގެ ގޮތުގައި އެގަވައިދުގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ، ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖުރިމަނާ އަދި ދެވަނަ ފަހަރުނަމަ 1000 ރުފިޔާއިން ޖުރިމަނާ އަދި އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ ލައިސެންސް ބާތިލު ކުރުމެވެ.
މީގެއިތުރުރުން ޓްރާންސްޕޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ތެލަށްއައި ބަދަލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭގޮތަށް 7 މާރިޗް ގައި ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ޓެކްސީގެ ޚިދުމަތުން އަގުނަގާނެގޮތާއި ގުޅޭގޮތުން މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާކަމަށެވެ.
"ޓެކްސީ ސެންޓަރުތަކުން ހުށަހެޅުއްވި ކަންކަމާއި ގުޅިގެން މި މިނިސްޓްރީން ފާހަގަކޮށްފައިވަނީ ޓެކްސީގެ ޚިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅި ލާމެހިފައިވާ އަސާސީ ޚިދުމަތަކަށްވެފައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ މި މިނިސްޓްރީގެ ޒިންމާއެއް ކަމަށްވުމާއި އަދި އަގު ކަނޑައެޅުމަކީ ގަވާއިދު ނަންބަރު 1475-R/2013 (ޓެކްސީ ގަވާއިދު) ގެ 15 ވަނަ މާއްދާގެ ދަށުން މި މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށެވެ. އަދި ޓެކްސީ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވާއިދުގެދަށުން ލިބިގެންވާ ބާރެއް ނޫންކަމަށެވެ. " މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީ ސެންޓަރުތަކުން ހުށަހެޅުއްވި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރިކަންކަމަށް ފިޔަވަޅު އަޅައި ދޭނެކަމަށާއި، އެހެންކަންކަން ހައްލުކޮށްދެއްވުމަށް ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަމެށެވެ.
ޓެކްސީ ސެންޓަރުތަކުން އެދުނު ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ބޮޑުކޮށް ނުދިނުމުން، ޓެކްސީ ޑްރައިވަރުން ވަނީ ހިދުމަތް މެދުކަނޑާލާ މުޒާހަރާވެސް ކޮށްފައެވެ. އެހެންނަމަވެސް ފަހުން އެ މުޒާހަރާ ހުއްޓާލާ ޓެކްސީ ޑްރައިވަރުން ބުނެފައިވަނީ އެމީހުން ދެން ދަތުރުތަކަށް އަގު ނަގާނީ އަމިއްލައަށް ކަނޑައަޅާފައިވާ ބޮޑު އަގުގައި ކަމަށެވެ.