Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އަނބިމީހާ ގަޔަށް ވަޅި ހެރި މީހާއަށް ދައުވާކޮށްފި

ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯގެ ސްނެޕްޝޮޓެއް--

އަމިއްލަ އަނބިމީހާ ގަޔަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނީގެ މައްޗަށް ދައުވާކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުއެވެ.

މިމައްސަލައާ ގުޅިގެން ސްރިނިވަސަން ސުބްރަމަނީގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގެ ދައުވާގައި ދައުލަތުން ބުނެފައިވަނީ ސްރިނިވަސަން އޭނާގެ އަނބިމީހާގެ ފައިގެ ފަލަމަސްގަނޑަށް ވަޅި ހަރާފައިވަނީ ނިދާފައި އޮއްވައި ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް ވެސް ގެއްލުންތަކެއް ދީފައިވާކަމަށެވެ.

ހަމަލާއަށްފަހު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަޅީގެ ތިލައިނީ އޭނާގެ ގައިގައެވެ. އެގޮތުން އަންހެން މީހާގެ ފަލަމަސްގަނޑުގައި ދެ ޒަހަމެއް ހުރި ކަމަށާއި އެކްސްރޭއިން އަންހެން މީހާގެ ފަލަމަސްގަނޑުގެތެރޭގައި ވަޅިއެއްގެ ތިލައެއް އޮތް ކަމަށް ދައްކާ ކަމަށް ރިޕޯޓުގައި ބުނެފަވާ ކަމަށް މީގެކުރިން ކޯޓުގައި ފުލުހުން ބުނެފައިވެއެވެ.