Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

"ރެޑްނޯޓިސް ސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި މިހުރީ"

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އިންޓަޕޯލްގެ ވެބްސައިޓަށް އޭނާ ހޯދުމަށް ނެރެފައިވާ ރެޑްނޯޓިސް ލާނެ ވަގުތެއްގެ އިންތިޒާރުގައި ހުރި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފިއެވެ.

އަލީ ވަހީދު ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވަނީ މާޗް 3 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އަދިވެސް އިންޓަޕޯލްގެ ވެބްސައިޓުން އެ ރެޑްނޯޓިސް ފެންނާކަށް ނެތެވެ.

އެކަމާ ގުޅިގެން މިއަދު ކުރި ޓްވީޓެއްގައި އަލީ ވަހީދު ބުނެފައިވަނީ، ރެޑްނޯޓިސް ވެބްސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި ހުރި ކަމަށެވެ. އަދި ޕީޖީ ހުސައިން ޝަމީމް އެކްސްޓްރެޑިޝަނަށް ލަންޑަނުގެ ކޯޓަށް ވަޑައިގަންނަވާނެ ވަގުތަކަށް ކެތްމަދުވެފަ ހުރި ކަމަށެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.