Last Updated: June 30, 04:35
Monday, June 29, 2026
ވިޔަފާރި

އީސީސީއަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

ސަތަާރަ ވަނަ ސާކް ސަމިޓަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން ސ.ހިތަދޫގައި އިމާރާތް ކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވީރާނާ ވަމުން ދަނިކޮށް އެތަން ހިންގަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިސަރުކާރުން އިއްލާން ކުރުމާއި ގުޅިގެން ހަ ފަރާތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ހަ ފަރާތަކުން ހުށަހަޅާފައިވާ އީއޯއައިތައް ބަލަމުންދާ ކަމަށާއި، އެއަށްފަހު ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހަޅަން ފުރުސަތު ދޭނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ހިދްމަތްދޭ ތަފާތު ސިނާއަތްތަކާއި އެކު އީސީސީ ތަރައްޤީކޮށް ހިންގުމަށް އިއްލާން ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރައީސް ވަހީދުގެ ސަރުކާރުން ޔުނިވާސިޓީއެއް ތަރައްޤީކުރުމަށް ބައިނަލް އަގްވާމީ ބީލަމަށް ހުޅުވާލި އީސީސީ މިފަހަރުވެސް ހުޅުވާލާފައިވަނީ ރާއްޖޭން ބޭރުގެ ކުންފުނިތަކަށްވެސް ބިޑް ހުށަހެޅޭ ގޮތަށެވެ.

2011 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ސާކް ސަމިޓަށް ބިނާ ކުރި މިއިމާރާތަށް ދައުލަތުން ވަނީ 250 މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްފައެވެ. ނަމަވެސް ސަމިޓަށް ފަހަށް މިތަން ބޭނުން ނުކޮށް ހުރުމުގެ ސަބަބުން އިމާރާތްވަނީ ވަރަށްބޮޑަށް ވިރާނާވެފައެވެ. އެގޮތުން ބައެއް ތަންތަނުގައި ޖަހާފައިވާ މުށިތައް ތަޅައިގެން ގޮސް ދޮރުތަކުގެ އަތްގަޑުތައް ވަނީ ދަބަރަށް ވެފައެވެ.

ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަހައްދު ގޮޑުވެ ޖަންގައްޔަކަށް ވެފައިވަނކޮށް މިހާރު އެ ސަރަހައްދުވަނީ ކޮންމެވެސް ވަރަކަށް ސާފުކޮށްފައެވެ.