Last Updated: July 12, 14:13
Sunday, July 12, 2026
ވިޔަފާރި

ސެމްސަންގުގެ އާ އިވެންޓެއްގެ ދައުވަތު

މިދިޔަ މަހުގެ ތެރޭގައި މި އަހަރުގެ ފުރަތަމަ އިވެންޓް "ދި އެޕިކް ސްޓޭންޑާޑް" ގެ ނަމުގައި ބޭއްވި ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިން އަނެއްކާ ވެސް އާ އިވެންޓަކަށް ދައުވަތު ދީފި އެވެ.

މި މަހުގެ 17 ގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓަށް ދީފައިވާ ނަމަކީ "އޯސަމް: ގެލެކްސީ އޭ އިވެންޓް" އެވެ. މި އިވެންޓްގައި ނެރޭނެ ޑިވައިސްތަކާ ބެހޭ ތަފުސީލެއް ނުދިނަސް މީޑިއާތަކުން ބުނީ އެއަށް ނަން ދީފައިވާ ގޮތުން "އޭ" އަކުރުން ދޭހަކޮށްދެނީ ކުންފުނީގެ އޭ ސީރީޒްގެ އާ ޑިވައިސްތަކެއް ދައްކައިލަން ބާއްވާ އިވެންޓެއްގެ ގޮތުގަ އެވެ.

ބައެއް މީޑިއާތަކުން ބުނީ އަގުހެޔޮ ފޯނެއްގެ ގޮތުގައި އޭ ސީރީޒްގެ އާ ދެ މޮޑެލްއެއް 17 ގައި ދައްކައިލާނެ އެވެ. އެއީ ގެލެކްސީ އޭ73 އާއި އޭ53 އެވެ. މިދިޔަ އަހަރު ސެމްސަންގުން އޭ72 އާއި އޭ52 ނެރެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މަހު ދައްކައިލޭ އޭ ސީރީޒްގެ އާ ދެ މޮޑެލް އަކީ 5ޖީ ނެޓްވޯކާ އެކު ނެރޭ އަދި ޑިސްޕްލޭގައި 6.7 އާއި 6.5 އިންޗި ހުންނާނެ ފޯނުތަކެވެ. އަދި މިއީ ސްނެޕްޑްރެގަން 450ޖީ ޗިޕް ވެސް އެކުލެވޭނެ އެވެ.

މި މަހުގެ 17 ގައި ބާއްވާ "އޯސަމް" އިވެންޓް ސެމްސަންގްގެ ވެބްސައިޓާއި އެތަނުގެ ޔޫޓިއުބް ޗެނެލުން ލައިވްކުރާނެ އެވެ.