ކޮވިޑާ ހެދި ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރޭ އުވާލާފައިވާ އިރު، ބަލީގެ ހާލަތަށް ރިއާޔަތްކޮށް މޮނިޓަރިން އަށް ގެނެސްފައިވާ ރަށްތަކުގެ އަދަދަކީ މިހާރު 14 ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެތަނުން މިއަދު ބުނި ގޮތުގައި މޮނިޓަރިންގައި މިހާރު އޮތް ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ހދ. ހަނިމާދޫ، ހއ. ދިއްދޫ، ލ. ދަނބިދޫ، ށ. ކަނޑިތީމު، ތ. ވިލުފުށި، ހދ. ނޮޅިވަރަން، ހއ. ހޯރަފުށި، ށ. ނޫމަރާ, ހއ. އުތީމު، ހދ. ފިނޭ އަދި ލ. މާބައިދު އެވެ.
މި ރަށްތަކުގެ ތެރެއިން މިހާތަނަށް މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށަކީ އިހަވަންދު އެވެ. އެ ރަށް މޮނިޓަރިން އަށް ލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރޭ އުވާލައި ކޮވިޑާ ދިމާކޮށް އެޅި ވަރަށް ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ވެސް ދީފަ އެވެ. އޭގެ ތެރެގައި ދަތުރުކުރާ އިރު މިހާރު ޕީސީއާރް ޓެސްޓް ހަދަން ނުޖެހުމާއި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުން ފަދަ ކަންކަން ހިމެނެ އެވެ.
މިހާރު ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވިޔަސް، މި ވަގުތު މުޅި ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 10،661 އެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެނީ ހަތަރު މީހަކަށެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލިޔަސް ކޮވިޑަކީ އާންމު ރޯގާއެއްގެ ގޮތުގައި ކަނޑައެއްނާޅަ އެވެ. އެހެންވެ ކުރީގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.