ރާއްޖޭގައި އަދިވެސް "ގަޓު" ހުރި ރައީސަކަށް ވެވޭނެ ބޭފުޅަކަށް ހުންނެވީ ކުރީގެ ރައިސް އަބްދުﷲ ޔާމީން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަނު ކުރުމުގެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާ ވަގަށް ނެގުން ނޫންކަމަށާއި، ނުފޫޒުގެ ބޭނުންކޮށްގެން ނާޖައިޒު ފައިދާ ނެގުމާއި އަނިޔާވެރި ވުމަކީވެސް ކޮރަޕްޝަން ކަމަށެވެ.
ރައިސް ޔާމީނަށް ދައުވާ އުފުލާފައިވާ މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ނުކުރާކަމެއްގައި ނުފޫޒުން އަނިޔާދެމުން އަންކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތްކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖެގަ މިއަދުވެސް ވެރިއެއްގެ ގޮތުގައި ހަރުދަނާ ގަޓުހުރި ރައީސަކަށް ވެވޭވަރުގެ ބޭފުޅަކަށް ހުންނެވީ ރައިސް ޔާމީން." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން މިއަދު ހިންގަވަމުން އަންނަ ސިޔާސީ ހަރަކާތްތަކުން ސިޔާސީ ހުރިހާ ވެރިން ތިބީ ޕްރެޝަރަށް ގޮސްފައިކަމަށެވެ. އަދި ރައީސް ޔާމީންގެ ސިޔާސީ ހަރަކާތް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުން އަންނަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ދައުލަތުގެ މުއައްސަސާތައް ބާރުވެރިގޮތުގައި ހިނގުމަށް ފަހިވެގެންދާނީ ރައިސް ޔާމީން 2023 ގައި އިންތިހާބު ކާމިޔާބުކުރުމަށްފަހު ކަމަށެވެ.
ބޮޑަށް ބެލެވޭގޮތުގައި އާދަމް ޝަރީފް ފާހަގަކުރައްވާފައިވާ ރައީސް ޔާމީން ހިންގަވާ ސިޔާސީ ހަރަކާތަކީ "އިންޑިއާ އައުޓް"އެވެ. އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ގިނަ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކި އެކި ރަށްރަށުގެ މައްސަލައިގައި ރައިސް ޔާމީންގެ މައްޗަށް ދައުވާ އުފުލިފައިވާއިރު، މިހާރުވެސް ދެ ރަށެއްގެ މައްސަލައިގެ ޝަރީއަތް އަންނަނީ ހިންގަމުންނެވެ.