Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕީޖީ ޝަމީމު އައްޑޫގައި

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ރަސްމީ ދަތުރެއްގައި އައްޑު އަށް ވަޑައިގެންފި އެވެ.

އޭނަގެ މި ދަތުރުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާ ވެސް މިއަދު ބައްދަލުކުރައްވާފައިވެ އެވެ. ނަމަވެސް އެ ބައްދަލުމާ ބެހޭ އިތުރު ތަފުސީލެއް ކައުންސިލަކުން ނުދެ އެވެ.

ޕީޖީ އަށް އައްޑު ވަޑައިގެންފައި މި ވަނީ ހައިކޯޓުން ކޮށްފައިވާ އަމުރެއް "ސަސްޕެންޑްކޮށް" ކުށުގެ ތުހުމަތުކުރެވޭ މީހަކު ބޭސްފަރުވާ އަށް ދާދި ފަހުން ދޫކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް ހައިކޯޓުގައި ޕީޖީން މިދިޔަ ހަފުތާގައި އިސްތިއުނާފު ވެސް ކޮށްފައި ވަނިކޮށެވެ.

ހައި ކޯޓްގެ އަމުރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން "ސަސްޕެންޑްކުރުމުން" ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއް ނޫން. މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާ ވެސް ކުރާނެ" ކަމަށެވެ.

ޕީޖީގެ އެ އިންޒާރާ ގުޅިގެން ހިތަދޫ ކޯޓުން ރައްދު ދީ ބުނެފައި ވަނީ ބަންދުގައި ހުރި މީހާ ވަގުތީ ގޮތުން ދޫކޮށްލީ ހައިކޯޓުގެ އަމުރު އެގޮތުގައި އޮތް ނަމަވެސް އޭނާގެ ބަންދު މުރާޖަޢާ ކުރުމަށް ފަހު ދޫކޮށްލަން ޖެހޭ ސަބަބުތަކެއް ހުރި ނަމަ ދޫކޮށްލުމަށް ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ޕީޖީގެ ވަކީލުން ކޯޓުގައި ވިދާޅުވެފައިވާތީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަމުރު "ސަސްޕެންޑްކުރި" ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި އެވެ.