ތ. ދިޔަމިގިލީގައި އެ ރަށުގެ މުދިމަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އަނިޔާ ލިބިފައިވާ 55 އަހަރުގެ ދިވެހި ފިރިހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށެވެ.
މުދިމަށް ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު، ވީޑިއޯއިން ފެންނަގޮތުން 11 ފަހަރަށް ވަޅިން ހަމަލާދީފައިވެއެވެ. އަދި ވަޅިން ހަމަލާދޭން ފަށާފައިވަނީ ވާހަކަ ދައްކަން ހުރުމަށްފަހު ކުއްލިއަކަށެވެ.