Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު އޭސީސީ

އެންމެ ގިނައީ ކައުންސިލްތަކާ ގުޅޭ މައްސަލަތައް: އޭސީސީ

މިދިޔަ އަހަރު އޭސީސީ އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މައްސަލަ ރައްދުވަނީ ކައުންސިލްތަކަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީގެ 2021 ވަނަ އަހަރުގެ ރިޕޯޓުގައި ވާގޮތުން އޭސީސީއަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، 782 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަތޮޅު ތެރެއަށް ދަތުރުކޮށްގެން ތަޙުޤީޤު ހިންގަންޖެހޭ މައްސަލަތައް ހުއްޓިފައި އޮތްނަމަވެސް، 2021 ވަނަ އަހަރުގެ ފަހުކޮޅުގައި 5 އަތޮޅެއްގެ 48 ރަށަކަށް ދަތުރުކޮށް، ތަޙުޤީޤު ހިންގާފައިވެއެވެ.

އޭސީސީން 2021 ވަނަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވާއިރު، ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންވާ 22 މައްސަލައެއް ޝަރީއަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. މިއީ ވޭތުވެދިޔަ 5 އަހަރު ދުވަހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި އަހަރެވެ.

މީގެއިތުރުން އޭސީސީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން، 2021 ވަނަ އަހަރުގެ ތެރޭގައި އޭސީސީއަށް ހުށަހެޅުނު މައްސަލަތައް އެންމެ ގިނަ އަދަދަކަށް ރައްދުވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށެވެ. ރަށު ކައުންސިލްތަކާ ގުޅޭގޮތުން 197 މައްސަލައެއް ހުށަހެޅިފައިވާއިރު އަތޮޅު ކައުންސިލްތަކާ ގުޅޭ 117 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް (ސްކޫލުތައް ހިމެނޭގޮތަށް) ރައްދުވާ 68 މައްސަލައެއް ހުށަހެޅިފައިވާއިރު، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ 64 މައްސަލައެއްވެސް ހުށަހެޅިފައިވެއެވެ.

މިދިޔަ އަހަރު އޭސީސީގައި ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅުންހުރި މައްސަލަތައް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ޕްރޮކިއުމެންޓާ ގުޅުންހުރި 244 މައްސަލަ ރަޖިސްޓަރީ ކޮށްފައިވެއެވެ. މީގެ އިތުރުން، ވަޒީފާއާއި ގުޅުންހުރި 57 މައްސަލަ، ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުންކުރުމާ ގުޅުންހުރި 71 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި، ކުރެވުނު ޚާއްޞަ އަދި ކާމިޔާބު މަސައްކަތްތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ޕޮލިސީއެއް އެކުލަވާލައި ޢަމަލުކުރަން ފެށުމެވެ. މި ޕޮލިސީއަކީ، ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށް ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭނެފަދަ ސިޔާސަތުތަކެއް ހިމަނައިގެން އެކުލަވާލި ޕޮލިސީއެކެވެ.މމ