Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ސްޓްރީޓް ސޮކާގެ ޗެމްޕިއަނަކީ ޔަންގް މެޖެންޓާ

އައްޑޫގައި ކުރިއަށް ދިޔަ "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ ޗެމްޕިއަންކަން ޔަންގް މެޖެންޓާ އިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޔަންގް މެޖެންޓާ އިން ހޯދީ ރޭ ކުޅުނު ފައިނަލްގައި ފެނަކައާ ބައްދަލުކޮށް ޕެނަލްޓީގައި 2-1 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ޕެނަލްޓީގައި ފެނަކަ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ހަސަން އަލްފާފްގެ ޕެނަލްޓީ އެކަންޏެވެ. ޔަންގް މެޖެންޓާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަލީ ނާފިއު އާއި ހާޒިމް ފައުޒީ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޔަންގް މެޖެންޓާ ޓީމުގެ ހާޒިމް އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޔަންގް މެޖެންޓާ ޓީމަށް ވަނީ 40،000ރ. ގެ ފައިސާ އިނާމު ދީފަ އެވެ. އަދި ރަނަރަޕްކަން ހޯދި ފެނަކަ އަށް ވަނީ 20،000ރ. ގެ ފައިސާގެ އިނާމެއް ދީފަ އެވެ.

"އައްޑޫ ސްޓްރީޓް ސޮކާ ކަޕް" އަކީ 2011 އިން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. އެގޮތުން މުބާރަތަށް ޓީމްތަކާއި ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ.

މިދިޔަ މަހުގެ 26 ގައި ފެށި އަދި 16 ޓީމް ވާދަކުރި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ.