Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ބަންޑާރަނައިބުގެ ވާހަކަ ދޮގުކޮށް، ބުނީ "ގޯސްހަދާ" ފުލުހުން ތިބިކަން ފާހަގަނުކުރެވޭ ކަމަށް

ފުލުހުންގެތެރޭގައި ނުނިޔަތެއް ބާއްވައިގެން ގޯސްހަދާ މީހުން ތިބިކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވި ނަމަވެސް، އެފަދަ ފުލުހުން ތިބިކަން ފާހަގަނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުވާފައި ފުރަތަމަ ސުވާލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ މީހުން އެކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން މިފަދަ މީހުން ފުލުހުންގެ ހިދުމަތުގައި ތިބިކަން ފާހަގަކުރެވިފައި ނުވާނަމަ، ބަންޑާރަނައިބުގެ ބަސްފުޅާ ގުޅޭގޮތުން ފުލުހުން ބަންޑާރަނައިބާ އެއްވެސް މަޝްވަރާއެއް ކޮށްފައިވާނެތޯ ސުވާލުކޮށްފައިވެއެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ މީހުން އެކަން ކުރަނީ ގަސްތުގައި ނުނިޔަތެއް ބާއްވައިގެންކަމަށް ބަންޑާރަނައިބު ވިދާޅުވިނަމަވެސް އެފަދަ ބަޔަކު ތިބިކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.

"… އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަން މިހާތަނަށް ފާހަގަކުރެވިފައިނުވާތީ، ބަންޑާރަނައިބު ވިދާޅުވިކަމަށް ބަޔާންކުރައްވާފައިވާ ވާހަކަފުޅާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ބަންޑާރަނައިބާ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައި ނުވާކަމުގައި ދަންނަވަމެވެ." މިނިސްޓަރު އިމްރާން ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެއެވެ.

މިޖަވާބާ ގުޅިގެން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ، މިކަމުގައި ކޮންމެވެސް އެއް ވަޒީރަކު "އިތުރުފުޅު ހައްދަވަނީ" ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ތެދު ނޫން މައުލޫމާތު ދިނުމަކީ ކުށަކަށްވީއިރު، މީގެކުރިން މަޖިލީހަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ، ބައެއް ފަރާތްތަކާ ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގުމަށް މަޖިލީހުން އެދިފައިވެއެވެ.

މީގެއިތުރުން ހަސަން ލަތީފް ފޮނުވާފައިވާ ދެވަނަ ސުވާލުގައި ބުނެފައިވަނީ، ނުނިޔަތުގައި މަސައްކަތްކޮށް ގަސްތުގައި ގޯސްހަދާ މީހުުން ފުލުހުންގެ ހިދުމަތުގައި ތިބިކަން ފާހަގަކުރެވިފައިވޭތޯ އަދި އެފަދަ ބަޔަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާނަތޯ ސުވާލު ކޮށްފައިވެއެވެ.

އެސުވާލަށް ވެސް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާ ކުރާ ފުލުހުންނަކީ، އެކަށޭނެ ތަޢުލީމާއި ތަމްރީން ލިބިގެން ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާ ޤާބިލް މުވައްޒަފުންކަން ފާހަގަކުރާ ކަމަށެވެ.

"ބަންޑާރަ ނައިބު އެއިޝާރާތް ކުރައްވާފަދައިން "ނުނިޔަތެއް ބާއްވައިގެން" ގަސްތުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ނުދެކެމެވެ." އިމްރާން ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެއެވެ.

އަދި އިމްރާން ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅޭ މައްސަލަތަކާއި ލިބޭ މައުލޫމާތުތަކާ ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، މައްސަލަތައް ތަހުޤީގު ކުރުމާއި، މައްސަލަތައް ތަހުޤީގަށް ހުށައެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ހުށައެޅުމުގެ މަސައްކަތަކީ ވަރަށް ގިނަ ވަގުތާއި، ބުރަ މަސައްކަތް އެކުލެވޭ ކަންކަމަށް ވާއިރު މަސައްކަތުގެ ޕަރފޯމަންސް ދަށްވެގެން ނުވަތަ ބޭނުންވާ އެކްސްޕެކްޓޭޝަން އާއި އެއްވަރަށް މަސައްކަތް ނުކުރެވޭތީ ބައެއް މުވައްޒަފުންނާމެދު އިދާރީ ގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އަޅަމުން ގެންދެވޭ ކަމަށެވެ.

އެހެންނަމަވެސް ދާދި ފަހުން ކުރިޔަށް ގެންދެވުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ބަލައި ފާސްކޮށް ހިފެހެއްޓުނު ތަކެތީގެ އިންވެންޓްރީ ހެދުމަށްފަހު މުވައްޒަފު "ހަނދާންނެތިގެން" އިންވެންޓްރީ ނުދީ އޮތުމުގެ ސަބަބުން، އެތަކެތި އެނަލައިޒް ކުރެވިފައިނުވާތީ، އެތަކެތިން ލިބިދާނެކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ބެލެވުނު މުހިންމު ހެކިތަކެއް ގެއްލިގެން ގޮސްފައިވާކަމަށް ބެލެވުނު މައްސަލައެއް ބަލައިދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން 2022 ޖެނުއަރީ 26 ގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅުއްވާފައިވާކަމަށެވެ.

"މިމައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ތަހުޤީޤުގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށްފައި ވީނަމަވެސް މައްސަލާގައި އަދި ގޮތެއް ނިންމިފައެއް ނުވެއެވެ."

އިމްރާން ވިދާޅުވީ އެ މައްސަލާގައި ހިފެހެއްޓުނު ތަކެތިން ލިބިދާނެކަމަށް ބެލެވުނު މުހިންމު ހެކިތަކެއް ނުލިބުނު ނަމަވެސް މިދެންނެވި މައްސަލާގައިވެސް މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތު ކުރެވުނު މީހާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދަޢުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށައަޅުއްވާފައިވާކަމަށެވެ.