Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ޓޫރިޒަމް ޒޯންތަކުގެ ބީލަން ހުޅުވަން ތާރީހުތަކެއް

އައްޑޫގެ ޓޫޒިޒަމް ޒޯންތަކުން ދޫކުރަން ނިންމި ބިންތަކުގެ ތެރެއިން މިދިޔަ އާދިއްތަ ދުވަހު ބީލަމަށް ހުޅުވާލި 27 ބިމުގެ ބީލަންތައް ހުޅުވާނެ ތާރީހުތަކާއި ގަޑިތައް ކައުންސިލުން އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ ހިތަދޫ "މާމެން ބީޗް" ޓޫރިޒަމް ދޫކުރަން ނިންމި ހަ ބިމުގެ ބީލަން ހުޅުވަން އޮންނާނީ އަންނަ މަހުގެ 27 ގައި ކަމަށެވެ. އެގޮތުން ބީލަންތައް ހުޅުވަން ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 10:00 އާއި 11:30 އާ ދޭތެރޭ ވަގުތުތަކުގަ އެވެ. އަދި ފޭދޫ "ދިގިހެރަ" ޒޯނުން ދޫކުރަން ނިންމި ދެ ބިމަށް ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ 27 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގަ އެވެ.

ހުޅުދޫ "މާފިށި" ޓޫރިޒަމް ޒޯނުން ދޫކުރަން ނިންމި ނުވަ ބިމަށް ހުށަހަޅާ ބީލަންތައް ހުޅުވާނީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި 11:30 ދޭތެރޭގަ އެވެ. އަދި މީދޫގެ މުލިމަތި "ކޯގަން ބީޗް" ޓޫރިޒަމް ޒޯނުން ދޫކުރަން ނިންމި 10 ބިމަށް ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ 28 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާއި 2:30 ދޭތެރޭ އެވެ.

މި ބިންތަކަށް ބީލަން ހުށަހަޅަން ރަޖިސްޓްރީކުރަން ދީފައި އޮތް އެންމެ ފަހު ވަގުތަކީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ. ޕްރީ-ބިޑް މީޓިން ވާޗުއަލްކޮށް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގެ ހެނދުނު 10:00 ގަ އެވެ.

ބިޑް ޑޮކިއުމަންޓް މިހާރު ވިއްކަމުން އަންނަ އިރު، ދިވެހިންނަށް ޑޮކިއުމަންޓް ވިއްކަނީ 2،000ރ. އަށެވެ. އަދި ބިދޭސީ ފަރާތްތަކަށް 300 ޑޮލަރަށެވެ.

އައްޑޫގައި ޓޫރިޒަމްގެ ފަސް ޒޯނެއް ކަނޑައަޅައި އެތަންތަން ތަރައްގީކުރަން ހިންގާ މަޝްރޫއަކީ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރުމަށް ހިންގާ މަޝްރޫއެކެވެ. މީގެ ދަށުން މިހާތަނަށް 50 ވަރަކަށް ބިން އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. ޓޫރިޒަމް ޒޯންތަކުން ދޫކުރަން ނިންމާފައި އޮތީ ޖުމްލަ 93 ބިމެކެވެ.

އެގޮތުން މިހާރު ހުޅުވާލާފައި އޮތް 27 ބިމާއި ކުރިން ހަވާލުކޮށްފައިވާ ބިންތައް ފިޔަވައި އެހެން ބިންތަކުގައި ސީދާ ކައުންސިލުން ފެސިލިޓީތައް ތަރައްގީކޮށް އެތަންތަން ހިންގަން އައުޓްސޯސްކުރަން ވެސް ހަމަޖެހިފައިވެ އެވެ. ޓޫރިޒަމް ޒޯންތައް ހާއްސަކޮށްފައި ވަނީ ގެސްޓް ހައުސް އާއި ސިޓީ ހޮޓާތައް ތަރައްގީކުރުމަށެވެ.