އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން އަންނަ ހަފުތާގެ ތެރޭގައި ބައްދަލުވުންތައް ފަށާނެ އެވެ. މިއީ މިހާރު މި އޮތް ކައުންސިލުން އިންތިހާބުވި ފަހުން ރައްޔިތުންނާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެހެންވެ މި ބައްދަލުވުންތަކަށް ވީހާ ވެސް ގިނަ ބަޔަކު ދިއުން ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.
ގާނޫނުން ވެސް ކައުންސިލަށް ލާޒިމުކުރާ މި ބައްދަލުވުން ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި މިހާރުގެ ކައުންސިލުން ނުބާއްވައިގެން ޝަކުވަތަކާއި ކަންބޮޑުވުންތައް ސޯޝަލް މީޑިއާ އަށް އޮއްސައިލި މީހުން މަދެއް ނޫނެވެ. އެހެންވެ މިހާރު މި އޮތީ ރަސްމީކޮށް ބައްދަލުވުންތަކަށް ހުރިހާ އަވަށެއްގެ ރައްޔިތުންނަށް ވެސް ދައުވަތު ދީފަ އެވެ.
ބައްދަލުވުންތަކުގެ ތާވަލު ވެސް މިއޮތީ އެވެ.

މި ފަހަރު ކޮންމެހެން ވެސް މި ބައްދަލުވުންތަކުގެ ބޭނުން ރައްޔިތުން ހިފަން އިސްކަން ދިނުން ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ. މިއީ ހަގީގަތުގައި ފަރުދީ ޒިންމާއެއްގެ އިތުރުން މުޖުތަމައުގެ ޒިންމާއެއް ވެސް މެ އެވެ.
އާ ކައުންސިލާ އެކު ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް ގިނަ އެވެ. ވުމާ އެކު ސީދާ ކައުންސިލަރުންނާ އެއްތާކުން ބައްދަލުވެ، ޝަކުވާތައް އޮއްސައިލަން މިއަށް ވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެ އެވެ. އަނެއްކޮޅުން އަންނަ ހަފުތާގައި ފަށާ ބައްދަލުވުންތަކަކީ މި ކައުންސިލު އައި ފަހުން ރައްޔިތުންނާ ބައްދަލުކުރާ ފުރަތަމަ ފަހަރު ކަމަށްވުމާ އެކު، އަހަރެއްވާން ކައިރިވެފައިވާ ކައުންސިލާ މެދު ރައްޔިތުންގެ މެދުގައި އޮތް އުދާސްތަކާއި ޝަކުވާގެ "ފަތިވަރު" ހިފައިގެން މި ބައްދަލުވުން ދިއުން ވަރަށް ބޮޑު ޒިންމާއެއްގެ ގޮތުގައި ވެސް ދެކެން ޖެހެ އެވެ.

މާޒީ އަށް ބަލާ އިރު ކައުންސިލްގެ ކުރީގެ ހުރިހާ ދައުރެއްގައި ވެސް ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ހުރިހާ ބައްދަލުވުމަކަށް ވެސް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. ބައެއް އަވަށްތަކުގައި ބޭއްވި ބައްދަލުވުންތަކުގައި ކިރިޔާ ހައެއްކަ މީހުން ވެސް ހަމަވަނީ އެވެ.
އެކަމަކު އަބަދު ވެސް ކައުންސިލުން ރައްޔިތުންނާ ބައްދަލުނުކޮށްގެން ރައްޔިތުން ޝަކުވާކުރެ އެވެ. ނަމަވެސް އެ ޝަކުވާތައް ސީދާ ކައުންސިލަރުންނަށް ހުށަހަޅަން ލިބޭ "ރަނުގެ ފުރުސަތު" ގެ ބޭނުން ހިފާ ތަނެއް ނުފެނެ އެވެ. މާޒީ މާޒީ އަށް ދޫކޮށްލާފައި މި ފަހަރުގެ ބައްދަލުވުންތަކަށް އަވަށްތަކުގެ ރައްޔިތުން ޖަމާވެ ފުރާލުމަކީ ބުއްދިވެރި ކަމަކަށް ވާނެ އެވެ.
މި ފަހަރުގެ ބައްދަލުންތަކަކުން ރައްޔިތުން "ބޮޑު ބަދަލެއް" ދައްކުވައި ދީފި ނަމަ މިއީ ކައުންސިލާއި ކައުންސިލަރުންނަށް ވެސް ލިބޭނެ ރަނގަޅު މެސެޖަކަށް ވާނެ އެވެ. ކައުންސިލުން ވެސް އެދިފައި އޮތީ ބައްދަލުވުންތަކަށް އަވަށްތަކުން ވީހާ ވެސް ގިނަ ބަޔަކު ދާށެވެ. އެ އަޑު ވެސް މި ފަހަރު ރައްޔިތުން އަހަންވާނެ އެވެ.

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރެއްގެ ފެބުރުއަރީ އާއި ޖުލައި މަހު ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލުތަކުން ބާއްވަން ޖެހޭނެ އެވެ. އެގޮތުން ފެބްރުއަރީގައި ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ޖުލައި މަހު ބާއްވާ ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަން ޖެހޭނެ އެވެ. އެގޮތުން ރައްޔިތުންނާ ބައްދަލުކުރުމުގެ ހަތް ދުވަސް ކުރިން ރިޕޯޓްތަކާއި ޕްލޭނާއި ބަޖެޓް މައުލޫމާތު އާންމުކޮށް ހާމަކުރަން ޖެހެ އެވެ.
މީގެ އިތުރުން 110 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެ މަހުން އެއް މަހު ކައުންސިލްތަކުން އާންމުކޮށް ހާމަކުރަން ވާނެ އެވެ.
އެހެންވެ ކައުންސިލްގެ މަސަައްކަތް ގާތުން ބަލައި ހޯދުމަކީ ވެސް ރައްޔިތުންނަށް އޮތް ހައްގެކެވެ.