އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކޯލިޝަންގެ ކައުންސިލް ބައްދަލުވުމެއް މިކަމާ ގުޅިގެން ބާއްވާފައިވާއިރު، މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
އިދިކޮޅުން ބުނެފައިވަނީ ރޭގެ ޖޮއިންޓް ކޯލިޝަން ބައްދަލުވުމުގައި އިދާރީ ގޮތުން ޕާޓީ ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ގައުމު މިހާރުއޮތް ހާލަތާއި މިހާލަތުން އަރައިގަތުމައްޓައި އިދިކޮޅުން ޕާޓީގެ ހައިސިއްޔަތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.
މީގެއިތުރުން މި ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް ޕާޓީގެ ހަރަކާތްތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް އިދިކޮޅުން މައުލޫމާތުދީފައިވެއެވެ.
އިދިކޮޅުން މިހާރު ހިންގަމުން އަންނަ އެންމެ ވަރުގަދަ ހަރަކާތަކީ "އިންޑިއާ އައުޓް" ހަރަކާތެވެ. ރައީސް ޔާމީން ޖަލު ބަންދުން މިނިވަންވެ ވަޑައިގެންނެވިގޮތަށް މިހަރަކާތް ހިންގާ މިންވަރު އިތުރުކޮށްފައިވާއިރު، ރަށްރަށުގައިވެސް މި ހަރަކާތް އަންނަނީ ހިންގަމުންނެވެ.
އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ގިނަ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކި އެކި ރަށްރަށުގެ މައްސަލައިގައި ރައިސް ޔާމީންގެ މައްޗަށް ދައުވާ އުފުލިފައިވާއިރު، މިހާރުވެސް ދެ ރަށެއްގެ މައްސަލައިގެ ޝަރީއަތް އަންނަނީ ހިންގަމުންނެވެ.