ދާއިރާގެ ރައްޔިތުން ބޭނުންވާނަމަ އެ ދާއިރާގެ މެމްބަރު ވަކިކުރުމަށް ޕެޓިޝަން ހުށަހެޅޭނެފަދަ ރިކޯލް ޤާނޫނެއް އޮންނަންޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ކުރީގެ މެމްބަރުންގެ އާއިލާތަކަށް އިންޝުއަރެންސް ހަމަޖެއްސުމާގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އެހެން މުއައްސަސާތަކަށް އިންތިހާއަށް ފާޑުކިޔާ އަދި އެހެން އިދާރާތަކުން ހަދަންވީގޮތް ބުނެދެމުން އަންނަ ތަނަކަށްވީއިރު، މަޖިލީހުގެ މެމްބަރުން އެ މެމްބަރުންނަށް މޮޅުވާގޮތަށް ނިންމާނިންމުންތަކުގެ ވާހަކަ ނުދައްކާ ކަމަށެވެ.
"މިމަޖިލީހުން މިހާތަނަށް އަމަލުކުރަމުން މިއައީ، އަޅުގަނޑުމެންގެ މުސާރަ އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅާފަ، އަޅުގަނޑުމެންގެ މެޑިކަލް އިންޝުއަރެންސް އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅާފަ، އަޅުގަނޑުމެން ކާންޖެހޭނެކަން އަމިއްލައަށް ކަނޑައަޅާފަ، އަޅުގަނޑުމެންނަށް [ޑިޕްލޮމެޓިކް] ޕާސްޕޯޓް ލިބެންޖެހޭނެކަމަށް އަމިއްލައަށް ކަނޑައަޅާފަ، އަޅުގަނޑުމެންގެ އަނބިދަރިންނަށްވެސް އަނިޔާތް ދޭންޖެހޭނެކަމަށް އަމިއްލައަށް ކަނޑައަޅާފަ މިހިރަ އުޅެނީ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޕާލިމެންޓަރީ ޑިމޮކްރަސީގައި މިސާލަކަށް ބަލަމުން އަންނަ އިނގިރޭސިވިލާތުންވެސް މިހާރު މިގޮތަށް އަމަލުކުރުން ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގައި މެމްބަރުންގެ މުސާރަ ކަނޑައަޅަނީ މިނިވަން ކޮމިޝަނަކުންކަން ފާހަގަކޮށް ސަލީމް ވަނީ އެފަދަ މިސާލުތަކުގެ ވާހަކަ ނުދައްކަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި މިފަދަ ކަންކަން ދިވެހި ރައްޔިތުން މިހާރު ބަލައި ނުގަންނަކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިސްލާހުވެގެން ނޫނީ، އަޅުގަނޑުމެންގެ ކަންކަން ރަނގަޅުކޮށްގެން ނޫނީ އަޅުގަނޑުމެން ނުވާނެ އެހެން ކަންކަން ރަނގަޅު ކުރަންޖެހޭ ވާހަކަ ދައްކައިގެންނެއް." ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހަށް އަންނަންވީ މަޖިލީހުގެ އިނާޔަތްތައް ހޯދުމަށް ނޫންކަމަށާއި، މަޖިލީހަށް އަންނަންވީ ގާނޫނުހަދާ މައްސޫލިޔަތުތައް ރަނގަޅަށް އަދާކުރުމަށް ކަމަށެވެ. އަދި މިހާރު މެމްބަރުންނަށް ގަބޫޅުކުރެވިފައިވަނީ އެމީހުން އިންތިހާބު ވުމަށްފަހު ދައުރު ހަމަވަންދެން މަޖިލީހުގައި ތިބެވޭނެ ކަމަށް ކަމަށެވެ.
"މިތަނަށް އަޔަސް ހެޔޮ، ނަޔަސް ހެޔޮ. މިތަނުގެ މަސައްކަތުގައި ބައިވެރިވިޔަސް ހެޔޮ، ނުވިޔަސް ހެޔޮ."
ސަލީމް ވިދާޅުވީ މިކަމުގެ ތަޖުރިބާގެ އަލީގައި އިނގިރޭސިވިލާތުގައި މެމްބަރުން ރިކޯލް ކުރެވޭނެ ނިޒާމެއް ތައާރަފްކޮށްފައިވާކަމަށެވެ.
ރިކޯލް ނިޒާމަކީ ދާއިރާގެ ރައްޔިތުންނަށް އެ ދާއިރާގެ މެމްބަރާމެދު ހިތްހަމަނުޖެހުމުން އިންތިހާބަކަށް ދިއުމަށް ގޮވާލާ ޕެޓިޝަން ހުށަހެޅޭގޮތަށް އޮންނަ ނިޒާމެކެވެ. ސަލީމް ވިދާޅުވީ، ރާއްޖެއަށް މިހާރު މެމްބަރުން ރިކޯލް ކުރާ ޤާނޫނެއް ބޭނުންވާ ކަމަށެވެ. މަޖިލީހުގައި މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ މެމްބަރުން ވަކިކުރުމަށް ރައްޔިތުންނަށް ޕެޓިޝަން ލެވެންޖެހޭނެކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މުޅި ނިޒާމު ރިވިއު ކުރަންޖެހޭކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ދެގުނަ ހަރަދު ހިނގަނީ ކޮންކަންތައްތަކެއްގައިތޯ ބަލާ އެކަންކަން އިސްލާހު ކުރުމަށް އިސްލާހީ އެޖެންޑާއެއް ހުށަހަޅަންޖެހޭކަމަށެވެ. އަދި މަޖިލިސް އިސްލާހު ވެގެންނޫނީ ރާއްޖެ އިސްލާހު ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ.