ޓެޑެކްސްގެ ނަމުގައި ބާއްވަމުން އަންނަ މަޝްހޫރު ޓޯކް ޝޯގެ ރާއްޖޭގެ ފުރަތަމަ އިވެންޓްގެ ޓްރެވެލް ޕާޓްނަރަކަށް މަންޓާ އެއާ ހަމަޖައްސައިފި އެވެ.
މިކަމުގެ އެއްބަސްވުމުގައި މަންޓާ އެއާގެ ފަރާތުން މިދިޔަ އާދިއްތަ ދުވަހު ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް މެނޭޖަރު އިބްރާހިމް ޝިފާނެވެ. ޓެޑެކްސް ބ. އަތޮޅު އިވެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިވެންޓްގެ ކޯ-އޯގަނައިޒަރު ނީލާ ޕަޓީ އެވެ. ބ. އަތޮޅުގެ މި އިވެންޓަކީ ޓެޑް.ކޮމްގެ ލައިސެންސްގެ ދަށުން ބާއްވާ އިވެންޓެކެވެ.
އަންނަ ހުކުރު ދުވަހު ސޮނެވާފުށީގައި ބާއްވާ ޓެޑެކްސް ޝޯއާ ބެހޭ ގޮތުން މަންޓާ އިން ބުނީ މުޖުތައުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ބާއްވާ މިފަދަ އިވެންޓްތަކުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޓެޑެކްސްގެ ރާއްޖޭގެ ފުރަތަމަ އިވެންޓްގައި އެ އެއާލައިން ހިއްސާވެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
Manta Air is pleased to announce partnership with #TedxBaaAtoll #EmbraceTheSlowLife 19 March pic.twitter.com/vJanHc1WA1
— Manta Air (@MantaAir) March 13, 2022
"ދަ ސްލޯ ލައިފް" ގެ ނަމުގައި ބާއްވާ އިވެންޓްގައި ރާއްޖެ އާއި ރާއްޖޭން ބޭރުން ފާހަގަކޮށްލެވޭ އެކިއެކި ބޭފުޅުން ވާހަކަ ދައްކަވާނެ އެވެ. އޭގެ ތެރޭގައި ސޯނޫ ޝިވްދަސާނީ، ކަރިއްސާ ނިމާ، ޔަލާ ޝަމީމް، ހުސައިން ރާޝިދު (ސެންޑީ)، އައިޝަތު އަދުނާން، ބްރޫސް ބްރޮމްލީ، ޝާޒިޔާ ސައީދު (ސާޒު) އަދި އާކިބް ޖާހިރުގެ އިތުރުން މަލްސާ މާޒް ހިމެނެ އެވެ.