Last Updated: May 11, 21:25
Saturday, May 11, 2024
ރިޕޯޓް

މަޖީދު ސާ: އިސްލާމީ އަގީދާގެ ބިންވަޅު ނެގުވި އެދުރެއް

މަޖީދު ސަރ އާއެކު އޭނާ ކިޔަވާދިން ބައެއް ދަރިވަރުން

"މަޖީދުސަރ އޭރު ސްކޫލްގެ ޕްރިންސިޕަލްއަކީވެސް، އެންމެ އިސް ޓީޗަރަކީވެސް، ދެން އެއީ ވަންއެން އޯލް އޭރު،"

އަލްޤާޟީ މުހައްމަދު ޝަމްސުއްދީން، އައްޑޫ ބޮޑު ތަކުރުފާނުގެ ނަންފުޅުގައި މީދޫ ރައްޔިތުން ގާއިމުކުރި ޝަމްސިއްދީން ސްކޫލްގެ ހިންގެވުމާއި ސ.މީދޫ،ހެޕީވިލާ، މުހައްމަދު މަޖީދު ހަވާލުވެވަޑައިގެންނެވީ 1 އޭޕްރީލް 1980ގައި އެ ދުވަހުގެ ގަޑިން 9.00 ސޮއިކުރި އެއްބަސްވުމާއެކު އެވެ. އެއީ އެކަމު ހިދާޔާ ސްކޫލެވެ.

ސްކޫލް ހިންގުވުމަށް މާލެ ދޫކުރައްވާ ރަށަށް ވަޑައިގެންނަވައި އެ މައްސޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި ތާރީހީ އެއްބަސްވުމުގައި މަޖީދުގެ އިތުރުން އެ މައްސޫލިއްޔަތު ހަވާލުކުރި މީހެއްގެ ހައިސިއްޔަތުން ސޮއި ކުރެއްވީ އޭރު މީދީ ކަތީބު އަބްދުﷲ ނާފިޒް އެވެ. މި އެއްބަސްވުމާ ގުޅޭ ގޮތުން މަޖީދު އަމިއްލަފުޅަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ސްކޫލް ހިންގެވުމުގެ ބާރެއް އެ ބޭފުޅާއަށް ލިބިފައިވެ އެވެ.

އެ ދުވަހަށް ފަހު މަޖީދު ޝަމްސުއްދީން ސްކޫލް ހިންގެވުމުގައި ކުރެއްވި ހިދުމަތް ވެގެން ދިޔައީ އަގު ނުކުރެވޭ ފަދަ ބޮޑު ހިދުމަތަކަށެވެ. އޭނާގެ އެ ހިދުމަތްވަނީ އެތައް ދަރިވަރެއްގެ ހިތްތަކުގައި ބިންވަޅުނަގާ ކެނޑިފަ އެވެ. އެއީ އައްޑޫ ސިޓީ މީދޫ، ގިނަ ބައެއްގެ މަޖީދު ސަރ އެވެ. މިއަދު ދުނިޔެދޫކުރެއްވި ސ.މީދޫ،ހެޕީވިލާ، މުހައްމަދު މަޖީދުއަށް ކޮންމެ މީހެއްގެ ހިތުގައިވަނީ ޝުކުރެވެ. ސ.މީދޫގެ ތައުލީމަށް ވެވަޑައިގެންނެވި ބޮޑު ގުރުބާނީގެ ހަނދާންތަކާއެކު މިއަދު އެރަށުގެ އެތައް ބަޔަކު ރޮއްވައިފި އެވެ. އެއީ އެރަށުގެ ބޮޑު ޖީލަކަށް އިސްލާމީ ތަރުބިއްޔަތު އުނގަންނަވާ ދެއްވި ވަރުގަދަ ޝަހްސިއްޔަތެކެވެ.

"އެގްރީމެންޓް ތިން ވަނަ މާއްދާގައިވާ ގޮތުން ސްކޫލަށް ލިބޭ އާމްދަނީގެ 10 ޕަސަންޓް ސްކޫލް ހިންގުމަށް ރައްކާކުރުމަށް ރަށު އޮފީހަށް ދައްކަންޖެހެ އެވެ. އެއީ ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑު ދުށީމެވެ. އާދެ! ސޮއިކޮށް ނިމިގެން ކަތީބާ ސަލާން ކޮށްލުމަށްފަހު އަޅުގަނޑު ސްކޫލާ ހަވާލުވީމެވެ." މީގެ 42 އަހަރުގެ ހަނދާންތައް މަޖީދު ހިއްސާ ކުރައްވާފައިވާ ލިޔުވުމެއްގައިވެ އެވެ.

މަޖީދު ސްކޫލް ހިންގެވުމާ ހަވާލުވެވަޑައިގަތީ 1980ގައި ނަމަވެސް 1979 ވަނަ އަހަރުން ފެށިގެން އެ ސްކޫލްގެ މުދައްރިއްސެއްގެ ގޮތުގައި 2 ސެޕްޓެމްބަރ 1979 އިން ފެށިގެން އެ ސްކޫލްގައި ގެންދެވީ މުދައްރިއްސެއްގެ ގޮތުގައި ކިޔަވާ ދެއްވަމުންނެވެ.

އެވިޑްކޮލެޖްގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ އަހްމަދު ފަޔާޒްގެ ވިދާޅުވި ގޮތުން މަޖީދުސަރ ޝަމްސުއްދީން ސްކޫލް ހިންގެވިދުވަސްވަރު އެއީ އެ ސްކޫލްގެ "ވަން އެންޑް އޯލް"އެވެ. ސްކޫލްގެ ހެޑްމާސްޓަރަކީވެސް، ޕްރިންސިޕަލަކީވެސް އަދި ބައެއް މާއްދާތައް ނަގާ ދެއްވި މުދައްރިއްސަކީވެސް އެއީ އެވެ.

ދީނީ ތައުލީމު ދަރިވަރުންގެ ހިތްތަކުގައި ބިންވަޅުނެގުމަށް އިސްކަން ދެއްވި

މަޖީދު ސަރގެ ސްކޫލް ހިންގެވި ދުވަސްވަރު އިސްލާމީ ތަރުބިއްޔަތު މާއްދާ ކުދިންނަށް ކިޔަވާދެއްވި މުދައްރިއްސަކީ އެއީ އެވެ. ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ބިންވަޅުކަނޑާ ނެގުވި އެދުރަކީ އެއީ އެވެ.

އަޅުގަނޑު ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ހަނދާނެއް މަޖީދު ސަރ އާ ގުޅިފައިވޭ. އެއީ ސްކޫލްގައި ކިޔެވި ދުވަސްވަރު މަޖީދު ސަރ ދާން ހުރިހާ ކުދިން ގޮވައިގެން ސްކޫލް ކައިރި ހުރި މިސްކިތައް، އެތަނަށް ގޮސް އަމަލީ ގޮތުން ވުޞޫކުރަން ދަސްކޮށްދޭނެ، ކޮންމެ ކުއްޖަކަށްވެސް ވަކި ވަކިން ރަނގަޅަށް އެނގެންދެން ދަސްކޮށްދޭނެ. ލައިން ހަދާފައި ބައި ތިއްބާފައި މަޖީދު ސަރ ވުޞޫކޮށްފައި ދެން ވަކި ވަކިން ކޮންމެ ކުއްޖަކު ލައްވާ ކުރުވާނެ، ނުބައިކޮން ކުރެވިއްޖެއްޔާ އަނެއްކާ އެކުއްޖާ ލައްވާ ތަކުރާރުކޮށް ކުރުވާނެ. ދެން އަރާނެ މިސްކިތައް އަރާ ނަމާދުކުރަން ދަސްކޮށްދޭނެ. ހަމަ ދަސްވަންދެން، އެންމެ ފުރިހަމައަށް އެނގެންދެން ތަކުރާރުކޮށް އެގޮތައް ދަސްކޮށްދިން ހަނދާންވޭ. މަސްސަރެއް ވަންދެން އެގޮތައް ކުރި ތަކުރާރުކުރި، ދުވަހަކުވެސް ހަނދާން ނުފިލާނެ އެ ކަންތައް. އެ މިސްކިތްތައް ފެންނަން ކޮންމެ ފަހަރަކު އެ ހަނދާންތައްވޭ،" މަޖީދު ސަރ ހނދާންތައް އާ ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސާލިހާ ވިދާޅުވި އެވެ.

މިސްކިތްތައް ދަރިވަރުން ގޮވައިގެންގޮސް އެ ދަރިވަރުންނަށް ވުޞޫކުރާނެ ގޮތާއި ގޮތާއި ނަމާދުކުރާނެ ގޮތް އެންމެ ފުރަތަމަ ދަސްކޮށްދިން މުދައްރިއްސަކީ އެއީ އެވެ.

އަނެއް ކަމަކަށް މީހުނަށް އަދަބު އިހްތިރާމް އަދާކުރަން ދަސްކޮށްދިނުން ބޭފުޅަކީވެސް އެއީ އެވެ.

ދަރިވަރުންނާ ބެހެއްޓެވި އޯގާތެރިކަމާ ހިތްހެޔޮކަން މީހުންގެ ހިތްތަކުގައި ބިންވަޅުނެގިފައި
މަޖީދު ސަރ އޭ ބުނުމުން އެ ދުވަސްވަރު ކިޔެވި ދަރިވަރުންގެ ހިތްތަކުގައި އެ ބޭފުޅާގެ ނަން ފެވިފައިވަނީ ހަމައެކަނި ތައުލީމީ ހިދުމަތްތެރިއެއް ގޮތުގައެއް ނޫނެވެ. އެއީ ދަރިވަރުންނަށް އޯގާތެރިކަން ބެހެއްޓެވި ގާތް މުދައްރިސެއްގެ ވެސް ގޮތުގަ އެވެ. އޭގެ އެއް މިސާލު އައްޑޫ ސިޓީގެ އަންހެނުން ކުރިއަރުވާ ކޮމެޓީގައި މީދޫ ދާއިރާ ތަމްސީލް ކުރައްވާ، ނައުމާ އަބްދުﷲގެ ހަނދާނުގައި ވަނީ ފެވިފަ އެވެ.

"އަޅުގަނޑުގެ އަމިއްލަ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ހާދިސާއަކީ އަޅުގަނޑުގެ މަންމަ ނިޔާވުން. އޭރު ގްރޭޑް ފަހެއްގައި ކިޔަވަނީ. ސްކޫލް ހެޑްމާސްޓަރަކީ މަޖީދު ސާރ. އަޅުގަނޑަށް ތައުޒިޔާ ކިޔުމަށް އަޅުގަނޑުގެ ގެއަށް ވަޑައިގެންގެންނެވީ އެދުވަސްވަރު އެ ސްކޫލްގައި ކިޔަވާ ހުރިހާ ދަރިވަރުން ގޮވައިގެން. އެއީ އެ ކުދިންނަށް ދެއްކެވި ކިހާ ރީތި ނަމޫނާއެއް. އަނެއްކާ އަޅުގަނޑަށްވެސް ލިބުނު ހިތްވަރެއް،" ނައުމާ ވިދާޅުވި އެވެ.

އެއީ ސްކޫލް ހިންގެވި "އޯލްއިންވަން" އެވެ. އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ފަޔާޒް ވިދާޅުވި ގޮތުން ސްކޫލް ހިންގުމުގައި އިސްކަން ދެއްވުމުގައި އެއީ ނަމޫނާ ބޭފުޅެކެވެ.

"ވަރަށް ގަޔާވެގެން ސްކޫލް ހިންގެވިތަން ފެނުން. ހުރިހާ ކަމެއްގައިވެސް އުޅުއްވާނެ. އަނެއްކާ އެ ޒަމާނަކީ ސަރުކާރަކުން މާބޮޑު އެއްޗެއް ސްކޫލްތަކަށް ދީގެން ހިންގާ ޒަމާނެއް ނޫން އެހެން ނަމަވެސް ވަރަށް ބޮޑު ހޭދައެއް އަމިއްލައަށް ކުރައްވައިގެން ސްކޫލްގެ ކަންކަމުގައި އުޅުއްވި،" ފަޔާ ވިދާޅުވި އެވެ.

މަޖީދު ސަރ ޝަމްސުއްދީން ސްކޫލް ހިންގެވި ދުވަސްވަރު އެ ސްކޫލުން ދަސްވެނިވި ދަރިވަރުންގެ ހިތްތަކުގައި ވަނީ މަޖީދު ސަރއަށް ހާއްސަ ގަދަރަކާ ލޮތްބެއް ދެވިފަ އެވެ. އެއީ މީދޫގެ އެތައް ދަރިވަރެކެވެ. މިއަދު ބޮޑެތި އިސް މަގާމުތަކުގައި ތިބި އެތައް ބޭފުޅުންނެއް ދީނީ ތަރިބިއްޔަތާއި އަހްލާގު އުނގެނުނީ މަޖީދު ސަރގެ އަރިހުންނެވެ.

މީދޫގެ ތަޢުލީމު ކުރިއެރުވުމަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ރަނގަޅު ޖީލެއް ބިނާ ކޮށްދެއްވި މަޖީދު ސަރ ތަރުބިއްޔަތަކީ އެހެން ހުރިހާ މުދަރިއްސުންނަށްވެސް ނަމޫނާއެކެވެ. ސްކޫލް ހިންގެވުމާއި ތައުލޫމް ކުރިއެރުވުމަށް ހުރި ޝައުގުވެރިކަމުގެ ކުޑަ މީސަލަކީ ޝަމްސުއްދީން ސްކޫލް އާ އިމާރާތެއް އެޅުމަށް ދަރިވަރުންނާއެކު ސީދާ އަމަކީ މަސައްކަތުގައި މަޖީދު ސަރ އުޅުއްވާފައިވުމެވެ.

ޝަމްދީން ސްކޫލްގެ އާ އިމާރާތް އެޅުމަށް ދަރިވަރުންނާއެކު މަޖީދު ސަރ މަސައްކަތް ކުރައްވަނީ

މަޖީދު ސަރގެ ލޮބުވެތި ޢާއިލާ އަށް އައްޑޫ ލައިވްގެ ފަރާތުން ތައުޒިޔާ ދަންނަވަމެވެ. އަދި މަރްޙޫމް ގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.