Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ޔުނައިޓެޑް ކަޓުވާލައި އެތުލެޓިކޯ ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަ ޔުނައިޓެޑްގެ ދަނޑުގައި 1-0 އިން އެ ޓީމު ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މި ދެ ޓީމު އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ފުރުސަތު އޮތް އިރު އެ ޖާގަ ހޯދީ އެތުލެޓިކޯ އިންނެވެ.

ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު އެތުލެޓިކޯ އަށް ކާމިޔާބުކޮށް ދިނީ އެޓީމުގެ ފުލްބެކް ރެނަން ލޮޑީ އެވެ. މެޗުގެ 41 ވަނަ މިނެޓްގައި ލޮޑީ މި ގޯލު ކާމިޔާބުކުރީ ގްރިޒްމަން ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑުން އެތްލެޓިކޯގެ ޑިފެންސަށް ބާރުބޮޑު ކުރިއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ ޑިފެންޑަރު ރަފޭލް ވަރާން އަށެވެ. ނަމަވެސް ވަރާން ބޮލުން ފޮނުވާލި އެ ހަމަލާ ދިފާއުކުރީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެތްލެޓިކޯގެ ކީޕަރު ޔާން އޮބްލަކް އެވެ.

ޗެމްޕިއަންސް ލީގުން ޔުނައިޓެޑް ކެޓުމުން މި ސީޒަން އެޓީމުން ނިންމާލާނީ ތަށްޓެއް ނުލިބި އެވެ. މިއީ ތައްޓެއް ނުލިބި ޔުނައިޓެޑުން ނިންމާލާ ފަސްވަނަ ސީޒަނެވެ.

ޔުނައިޓެޑަށް އަދިވެސް ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ޖާގަ އެބަ އޮތެވެ. ޔުނައިޓެޑް މި ވަގުތު އޮތީ 50 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.