އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން އަންނަ މަހުގެ 6 އާ ހަމައަށް ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. ރަޖިސްޓްރޭޝަނަށް 1،500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތާ ބެހޭ ލިޔެކިޔުންތައް މިހާރު މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ. މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 650,000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
އައްޑޫ ކޯޓް ކޮމްޕްލެކްސް އަކީ އައްޑޫގެ ހުރިހާ ކޯޓްތަކެއް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ދެވޭ ގޮތަށް ހަދަން ނިންމާފައިވާ ތަނެކެވެ. އަދި މިފަދަ އިމާރާތެއް އައްޑޫގައި ހަދަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝް (ޑީޖޭއޭ) އިން ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ.