އައްޑޫގައި ހަދަން ނިންމާފައިވާ ގާމެންޓް ފެކްޓަރީގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި، އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ކައުންސިލުން ބުނެފި އެވެ.
ގާމެންޓް ފެކްޓަރީގެ އިތުރުން ޕެކޭޖިން ފެސިލީޓީއެއް ވެސް އައްޑޫގައި ހަދަން ވަނީ ނިންމައިފަ އެވެ. ޕެކެޖިން ފެސިލިޓީ އަކީ އައްޑޫގެ އުފެއްދުންތަކަށް ހާއްސަ ތަނެކެވެ.
މިއީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކެވެ. އަދި ގާމެންޓް ފެކްޓްރީ އާއި ޕެކެޖިން ފެލިސިޓީއާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގެ ފަރާތުންނެވެ.
އެގޮތުން އިއްޔެ ވޯލްޑް ބޭންކާއި މިނިސްޓްރީގެ އިތުރުން ބީސީސީގެ ޓީމަކުން ކައުންސިލާ ބައްދަލުކޮށް މިކަންކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
އިއްޔެގެ ބައްދަލުވުމާ ބެހޭ ގޮތުން އައްޑޫ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ކައުންސިލާ މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގާމެންޓް ފެކްޓަރީ އާއި ޕެކެޖިން ފެސިލިޓީގެ މަސައްކަތްތަކަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން ކަމަށެވެ.
އެ ދެ ތަން ހަދަން ނިންމާފައި ވަނީ ހިތަދޫ ސްޓޭޑިއަމް ކުރިމަތިން ކަހަލަ ގޮތަކަށް ހިއްކާފައި އޮތް ސަރަހައްދުގަ އެވެ. ޝުއާއު ވިދާޅުވި ގޮތުގައި ދެ ޕްރޮޖެކްޓާ ވެސް ގުޅޭ ޕީސިބިލިޓީ ހަދައި، މަސައްކަތްތަކާ ގުޅޭ ވަރަށް ގިނަ ކަންކަން މިހާރު ސީދާ ބީސީސީގެ ދަށުން ކުރިއަށ ގެންދާތީ މާ ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މި އަހަރުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް ބެލެވެނީ. އެ ބޭފުޅުން ވެސް މަސައްކަތްކުރަނީ ވީހާ ވެސް އަވަހަކަށް އަމަލީ މަސައްކަތާ ހަމައަށް ދިއުމަށް." އޭނާ ވިދާޅުވި އެވެ.
ޝުއާއު ވިދާޅުވީ ގާމެންޓް ފެކްޓްރީ އާއި ޕެކެޖިން ފެސިލިޓީ އަކީ ވަރަށް އުންމީދީ ދެ ޕްރޮޖެކްޓް ކަމަށެވެ. އެގޮތުން މީގެ ސަބަބުން އަންނާނެ އެންމެ ބޮޑު ކުރިއެރުމަކީ މީހުން ބިނާކުރެވި، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދިއުން ކަމަށް ވިދާޅުވި އެވެ.
"މިކަހަލަ ފުރުސަތުތަކެއް އައްޑު އަށް ވަރަށް ބޭނުންވެފައި އޮތީ ވެސް. އިގުތިސާދާ ގުޅުން ހުރި މިފަދަ ކަންކަމުގެ ސަބަބުން އައްޑޫގެ އާންމުންގެ ދިރިއުޅުމަށް ވެސް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ. މިހާރު ވެސް ވަޒީފާގެ ދަތިކަން ބޮޑު. އެހެންވީމަ ގާމެންޓް ފެކްޓްރީ އާއި ޕެކެޖިން ފެސިލިޓީ އަކީ އެތައް ބަޔަކަަށް އާ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެއް." ޝުއާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯލްޑް ބޭންކް ކަހަލަ އިދާރާތަކުގެ އެހީތެރިކަން ލިބިގެން މިފަދަ މަޝްރޫއުތައް ހިންގުމަކީ މުޅި ރާއްޖެ އަށް ވެސް ލިބޭނެ ކުރިއެރުމެކެވެ.

"އަޅުގަނޑުމެން ކައުންސިލުން އަބަދު ވެސް މިކަހަލަ ކަންކަމުގައި ދެވެން އޮތް ހުރިހާ ސަޕޯޓަކާއި އެހީތެރިކަމެއް ދޭނަން،" ޝުއާއު ވިދާޅުވި އެވެ. "ކައުންސިލާ އިއްޔެ ބައްދަލުކުރީ ވެސް ދެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އަޅުގަނޑުމެން ދެކޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކައި ކައުންސިލަށް ދެވެން އިތް އެހީތެރިކަމާއި އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާކުރަން."
އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ހަދަން ނިންމި ވާހަކަ ބީސީސީން އިއުލާންކުރީ 2020 ގަ އެވެ. އަދި އެ އަހަރުގެ ފަހުކޮޅު އެކަމަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ވެސް ހުޅުވާލި އެވެ.
ގާމެންޓް ފެކްޓަރީ ހެދުމާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ކައުންސިލުން އާންމުންގެ ހިޔާލަށް ހުޅުވައިލި އެވެ.
ވީމާ، ތިރީގައި މިވާ ލިންކަށް ވަޑައިގެން މި ސާރވޭ ފޯމު ފުރިހަމަކޮށްދެއްވުން އެދެން. އައްޑޫ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން މި ސާރވޭގައި ބައިވެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް. (2/2)https://t.co/hLLuH4LoyS
— Addu City Council (@AdduCityCouncil) March 23, 2021
އައްޑު އަކީ ކުރިން ވަރަށް ފުޅާކޮށް ގާމެންޓް ފެކްޓަރީ ހިންގި ތަނެކެވެ. އެގޮތުން ސްރީ ލަންކާގެ ކުންފުނިތަކަކުން އަހަރުތަކެއް ވަންދެން ގަމުގައި ފެކްޓަރީތަކެއް ހިންގި އެވެ. އޭގެ އޭގެ ސަބަބުން އޭރު އައްޑުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބުނެވެ. ހާއްސަކޮށް އަންހެނުންނަށް ލިބުނު ފުރުސަތުތައް ގިނަ އެވެ.