އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުނި ކިންގްސް ފޮރެކްސް ޓްރޭޑިންގެ އަގު ވެއްޓޭ ގޮތަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ބޭންކްސް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދައުވާކުރަން ނިންމައިފި އެވެ.
އެ ކުންފުނިން މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށް ބުނެ އެކަމަށް އާންމުން ސަމާލުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަރުކަޒީ ބޭންކުން ހާމަކުރުމާ ގުޅިގެން، ގައުމީ ބޭންކުން ވަނީ ކިންގްސްގެ އެކައުންޓް ވެސް ފްރީޒްކޮށްފަ އެވެ.
މި މައްސަލާގައި ދައުވާކުރަން ކިންގްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ވިދާޅުވީ އެމްއެމްއޭގެ ބަޔާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ކުރާ ދައުވާ އަންނަ ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރަނީ، އެ ކުންފުނީގެ އެކައުންޓް ފްރީޒްކުރި މައްސަލައިގައި ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށެވެ.