Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ޔާމީން ހައްޔަރުކުރަން ގޮވާލި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

"އިންޑިއާ އައުޓް" ގޮވާތީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އެ ވިދާޅުވިގޮތުން، ކުއްލި މައްސަލައިގައި ސީދާ ލިޔުއްވާފައި އޮތްއެއްޗެއް ސާފެއް ނުވިއެވެ. އެހެންނަމަވެސް އެ ކުއްލި މައްސަލައިގައި "އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ރާއްޖެއަށް ލިބޭ އެހީތެރިކަން ހުއްޓިދާނެތީ ކުރީގެ ރައީސް ޔާމީން ބަންދުކުރުމަށް ގޮވާލާފައިވެއެވެ.

ޖާބިރު ކުއްލި މައްސަލަ ހުށަހެޅުއްވި ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުވެސް ވަނީ އެކަން ފާހަގަކުރައްވާ ސާފުނުވާކަން ހާމަކުރައްވާފައެވެ. އަދި މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ލިޔުއްވަފައިވާގޮތަށް ވިދާޅުވުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.

"އިއްޒަތްތެރި މެމްބަރު ހުށަހަޅުއްވާފައިއޮތް ކުއްލި މައްސަލައެއް ނޫން ތިޔަ ކިޔުއްވަނީކީއެއް… އެ ގަނޑުގެ އެއްބައިގެ ބައެއް ޖުމުލަތައް ބައެއް ބަސްބަސް އެބަ ބޭނުންކުރަށްވާ. އެހެންނަމަވެސް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ހުށަހަޅުއްވާފައިއޮތް ގޮތަށް ކިޔޭނޭގޮތެއް ހަމަޖެއްސުން އެއީ ބޭނުންތެރިކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖާބިރުގެ ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 4 މެމްބަރުންނެވެ. އަދި އެ ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 27 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އިއްޔަގެ މަޖިލީހަށްވެސް ޖާބިރު ވަނީ އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ކޮރަޕްޝަން ހިންގަވާ ކަމަށް ވިދާޅުވެ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ ކުއްލި މައްސަލަވެސް ބަލައިގެންފައެއް ނުވެއެވެ. އަދި އެމްޓީސީސީގެ އެމްޑީ އާޒިމް ކޮރަޕްޝަން ހިންގަވާކަމަށް ވިދާޅުވެ ހޯމަ ދުވަހު ވެސް ޖާބިރު މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. އެ މައްސަލަވެސް މަޖިލީހަށް ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.