Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ވަގު ޑޮލަރު ވިއްކާތީ ސަމާލުވާން އެދެފި

ސައްހަ ނޫން ޑޮލަރު ވިއްކާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން ބުނެފައިވަނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުން އަންނަކަމަށެވެ.

އެގޮތުން، މަނީ އެކްސްޗޭންޖް ވައިބަރ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި ވިއްކާ މީހުން ބުނާތަނަކަށް މީހާ ގެންދާ ކަމަށެވެ.

"އެގޮތަށް ގެންދިއުމުގައި، މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދު ތަކަށް ދިއުމަށް ދައުވަތު ދެއެވެ. އަދި ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓަރފީޓް ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ހުށަހަޅަމުންދެއެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުންވަނީ ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށާއި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާ އަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.