Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޖަމީލު ވިދާޅުވަނީ ކޮވިޑަށް ވުރެ ރައީސް ނުރައްކާ ކަމަށް

ކޮވިޑް-19 އަށް އަށް ވުރެ ރާއްޖޭގެ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާ ނުރައްކާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ކޮވިޑާ ވިދިގެން އެޅި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލިކަން ހާމަކުރެއްވުމަށް މިދިއްޔަ އާދީއްތަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ރައީސް ގައުމާ މުހާތަބުކޮށް ދެއްވި ބަޔާނަށް އިޝާރާތްކުރައްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޑުއަހަން އުނދަގޫ، ގަނޑު ބަލައިގެން ކޮށާމަށައިގެން [ވެސް] ކިޔަން ނޭނގޭ ވެރިޔަކު ލިބުން ކޮވިޑަށް ވުރެ ނުރައްކާ" ކަމަށެވެ.

އަދި ކޮވިޑްގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އެކަމާ ގުޅުވައިގެން ޖަމީލު ވިދާޅުވީ ސަރުކާރުން ކޮވިޑްތެރޭ ބިލިއަނުން ވައްކަންކޮށްފައިވާ ކަމަށެވެ.

"ބައެއް ވުޒާރާތައް ކޮރަޕްޝަންގެ ހާއްޔަކަށްވެ ހުސް ވައްކަން އޮތީ. މި ދައުރު ސިފަ ވަނީ ހުރިހާ ގޮތަކުން ގައުމު ލޫޓުވާލި ދައުރަކަށް." އޭނާ ވިދާޅުވި އެވެ.

ޖަމީލު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވި އިރު، ސަރުކާރުގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރެއިން އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ވެސް ދެއްވާފައިވެ އެވެ.