ރެއާލް މެޑްރިޑުން އެއް މިލިއަން ޔޫރޯ ޔުކްރޭނަށް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނީ މި ފައިސާ ހަދިޔާކުރުމަށް ނިންމާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ރެއާލް މެެޑްރިޑް ފައުންޑޭޝަނުން ޔުކްރޭނަށް އެހީވުމަށް ފަށާފައިވާ ކެމްޕޭނުގެ ދަށުން ކަމަށެވެ.
މި އެހީ ޔުކްރޭނަށް ދިނުމަށް ހަމަޖެހިފައިވަނީ ރެޑްކްރޮސް މެދުވެރިކޮށް ކަމަށްވެސް ރެއާލް އިން ބުނެ އެވެ.
ރަޝިއާ އިން ޔުކްރޭނަށް ހަމަލާތައް ދޭން ފެށިތާ 20 ދުވަސް ވެފައިވާއިރު އެގައުމު ދޫކޮށް މިހާތަނަށް ތިން މިލިއަނެއްހާ މީހުން ވަނީ ގޮސްފަ އެވެ. މިއީ ޔުކްރޭނުގެ އާބާދީގެ ގާތްގަނޑަކަށް ހަތް ޕަސެންޓެވެ. އެގޮތުން އެންމެ ގިނަ މީހުން ގޮސްފައިވަނީ އަވަށްޓެރި ޕޮލެންޑަށެވެ.
ޔުކްރޭނަށް ހަމަލާތައް ދޭން ފެށުމުން ރަޝިއާ އަށް އަންނަނީ ތަފާތު އެކި ގޮތްގޮތަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފުޓްބޯޅައިގެ ހުރިހާ މުބާރާތްތަކުން ރަޝިއާ މިިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.