ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ދެ ވަނަ ލެގުގައި ރޭ ވިޔަރެއާލް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެ ޔުވެންޓަސް މުބާރާތުން ކަޓައިފި އެވެ.
ވިޔަރެއާލްގެ ދަނޑުގައި މިދިޔަ މަހު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ރޭގެ މެޗަށް ނުކުތްއިރު ވެސް މޮޅުވާ ޓީމަކަށް ކުއާޓާގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ވިޔަރެއާލްގެ ފުރަތަމަ ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ. އަދި އޭގެ ހަތް މިނެޓްފަހުން ޕައު ޓޮރޭސް ވަނީ ވިޔަރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ވިޔަރެއާލްގެ ތިންވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޑަންޖޫމާ އެވެ.
މިއީ 09-2008 ވަނަ ސީޒަނަށްފަހު ވިޔަރެއާލް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ވިޔަރެއާލްގެ ތާރީހުގައި އެޓީމު މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ މުބާރާތުގެ ދެވަނަ ބުރުން ޔުވެންޓަސް ޖެހިޖެހިގެން ކެޓި ތިންވަނަ ސީޒަނެވެ.
ވިޔަރެއާލްގެ އިތުރުން 2-1 އިން ފްރާންސްގެ ލިލް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ޗެލްސީ ވެސް ރޭ ވަނީ ދަތުރުކޮށްފަ އެވެ. މި ދެ ޓީމު މިދިޔަ މަހު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ޗެލްސީންނެވެ.
ފްރާންސްގައި ރޭ ކުޅުނު މި މެޗުގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޔިލްމާޒް ވަނީ ލިލް އަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޖޯޖީނިއޯ ދިން ޕާހަކުން ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން ޗެލްސީ މޮޅުވި ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސެޒާ އަޒްޕިލިކުއޭޓާ އެވެ.