އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 2-0 އިން މޮޅުވެ ލިވަޕޫލުން ލީގުގެ އެއް ވަަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 29 މެޗުން 70 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ލިވަޕޫލުން ހޯދި މޮޅާ އެކު އެ ޓީމު ވަނީ 29 މެޗުން 69 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލް އޮތީ 27 މެޗުން ލިބުނު 51 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރަން މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ މިޑްފީލްޑަރު އޮޑެގާޑް އަށް ލީޑު ނަގަން ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ލިވަޕޫލްގެ ކީޕަރު އެލިސަން އެވެ.
އާސެނަލް އަށް އެ ފުރުސަތުގެ ބޭނުން ނުހިފުނުއިރު މެޗުގެ 54 ވަނަ މިނެޓްގައި ޑިއޯގޯ ޖޯޓާ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފަ އެވެ. ޖޯޓާ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މެޗުގެ 62 ވަނަ މިނެޓްގައި ދެވަނަ ހާފްގައި ކުޅެން އެރި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ރޭގެ މެޗަކީ ލީގުގައި ލިވަޕޫލް އިން ޖެހިޖެހިގެން ހޯދި 9 ވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.