އައްޑޫ ހިތަދޫގައި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތެއް ހަދާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް އަލުން ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވައިލުމުން ހުށަހެޅި ބީލަންތައް ބާތިލުކުރުމަށް ފަހު ކަމަށެެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލައިފަ އެވެ.
ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މި މަހުގެ 20 އިން ފެށިގެން 31 އާ ހަމައަށް ކަމަށް ފިނޭންސުން ބުންޏެވެ.
މި ޕްރޮޖެކްޓްގެ ބިޑްސެކިޔުރިޓީ އަށް 60,000ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފުލުހުންގެ މަރުކަޒަރެއް ވެސް ހުރި ހިތަދޫގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް ހަދަން ނިންމާފައިވާ އިރު، ކުރިން ހިތަދޫގައި ތިބޭ ފުލުހުން އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ މިހާރު އޮޑިޓް އޮފީހުގެ ދެކުނު ގޮފި ހިންގަމުން އަންނަ އިމާރާތެވެ. އެތަން ބޭނުން ކުރުން ފުލުހުން ހުއްޓައިލީ ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހިންގި "ބޮޑު ހުޅު" ހާދިސާގައި އޭރު ބޭނުން ނުކުރެވޭ ވަރަށް އަންދައިލުމުންނެވެ.
އޮޑިޓް އޮފީހުގެ ދެކުނު ގޮފި އެތަނުގައި ހުޅުވީ ވަރަށް ބޮޑެތި މަރާމާތުތަކެއްކުރުމަށް ފަހު 2015 ގަ އެވެ.