Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ވައިގެމަގުން އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފި

އަތުލައިގެންފައިވާ މަސްތުވާތަކެތި-- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވައިގެމަގުން އެތެރެކުރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ 2022 މާރިޗު 6 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން މި ފަސިންޖަރުގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، މި ފަސިންޖަރުގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ.

އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި ކެނެބިސް ހާބަލްއެވެ. އަދި މިތަކެތީގެ ޖުމްލަ ބަރުދަނުގައި 12.7 ގުރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާކަމަށެވެ.