Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސިޔާސީ މަގާމުތައް ބަހާނެ އުސޫލެއް މުހިއްމު: އިންތި

ސަރުކާރު ހިންގާ މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނަ އިރު، ސިޔާސީ މަގާމުތައް އެ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބަހާނެ އުސޫލެއް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ހިމަނަން ޖެހޭ ކަމަށް ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އޭނަގެ ކެމްޕޭން މެނިފެސްޓޯ ލޯންޗްކުރަން ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި އިންތި ވިދާޅުވީ އެމްޑީޕީގެ ބައިވެރިވުޔމާ އެކު ސަރުކާރެއް ހިންގާ އިރު އެ ޕާޓީގެ އަސާސްތަކާއި އާންމު މެންބަރުންގެ ޝުއޫރުތަކާއި އެއް ގޮތަށް އެ ސަރުކާރެއް ހިނގާކަން ކަށަވަރުކޮށް ދޭން ޖެހޭ ކަމަށެވެ.

އެހެންވެ އޭނާ ޗެއާޕާސަންގެ މަގާމަށް ހޮވައިދީފި ނަމަ އެމްޑީޕީގެ ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީ އާއި، އަތޮޅު އަދި ސިޓީ މަޖިލީހާއި އެމްޑީޕީގެ ދާއިމީ އެހެން ކޮމިޓީތައް މެދުވެރިކޮށް އެމްޑީޕީގެ ސިޔާސަތުތަކާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުވަމުންދާ ވަރު ބަލައި މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ވިދާޅުޅުވި އެވެ.

އަދި ސިޔާސީ މަގާމުތަކާއި ވަޒީފާތަކަށް އެމްޑީޕީގެ މެންބަރުން އައްޔަންކުރުމުގައި ރިއާޔަތްކުރާނެ އުސޫލެއް އޮންނަން ޖެހޭނެތީ އޭގެ ހަމަތަކާއި އިޖުރާއަތްތައް އެކަށައެޅުމަށް ފަހު އޭގެ އުސޫލު އުފައްދާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"އެ އިޖުރާއަތްތައް އަމަލު ކުރާ މިންވަރު މި ދެންނެވި ގުނަވަންތައް މެދުވެރިކޮށް ކަށަވަރުކުރެވޭނެ." އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި އެމްޑީޕީގައި މިހާރު "ދެ ފެކްޝަނެއް" އުފެދި ދެމެދުގައި އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި އޮތީ ވެސް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ސަރުކާރުގެ ސިޔާސީ ވަޒީފާތައް ބެހެމުންދާ ގޮތާ މެދު އެވެ.