Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ގައުމީ ގުރުއާން މުބާރާތުގެ ވަނަތައް ހޮވައި އިނާމު ދީފި

ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭ ފަރާތްތަކަށް ރައީސް އިނާމު ހަވާލުކޮށްދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން 1 ވަނައަށާއި މުބާރާތުގެ ޙާފިޡުންގެ ގޮފިން 1 ވަނައަށާއި މުޅި މުބާރާތުން 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހަވާލުކޮށްދެއްވާފައެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ އާޔަން އަހުމަދު އިނާންއާއި ހަނާން ހުސެއިން ޝަރީފްއެވެ.

މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިންވެސް އެއްވަނަ ހާސިލްކޮށްފައިވަނީވެސް މިދެ ދަރިވަރުންނެވެ. މި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ ފަތިމަތް ޝާހާ ހުސެއިންއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް 2021 ކުރިޔަށްގެންދިޔައީ ވަރޗުއަލްކޮށެވެ.

އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށްގެންދިޔައީ 6 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ.

މުބާރާތް ކުރިޔަށް ގެންދިޔައީ މައިގަނޑު 3 ބަޔަކުން ވާދަކުރެވޭގޮތަށެވެ. އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ޙާފިޡުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 1700 ބައިވެރިން ބައިވެރިވިއިރު އޭގެތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިންވެސް ހިމެނެއެވެ.