Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ޖަމިއްޔާތަކަށް އެހީވާން "ސްމޯލް ގްރާންޓްސް" އިފުތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބީއެމްއެލް ސްމޯލް ގްރާންޓްސް" ފަންޑްގެ ނަމުގައި ޖަމިއްޔާތަކަށް އެހީތެރިވުމަށް ފަންޑެއް އިފުތިހާހުކޮށްފިއެެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.

'ބީއެމްއެލް ސްމޯލް ގްރާންޓްސް' ފަންޑް ހުޅުވާލެވިފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެއެވެ.

"އަޅުގަނޑުމެންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން 5 ވަނަ ހަރަކާތެއްގެ ގޮތުގައި މި ތައާރަފްކުރެވެނީ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓް. މި ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްެރޮޖެކްޓް ތަކަށް އެހީތެރިކަން ލިބިގެންދާނެ. މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 15 މޭ 2022 ކަމަށާއި، މި ފަންޑަށް ކުރިމަތި ލުމުގެ ފުރުސަތު 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ ސްމޯލް ގްރާންޓްސް އަށް އެދި ހުށަހަޅާ ފޯމު، އަދި ޝަރުތުތަކާ އަދި އިތުރު މައުލޫމާތު https://www.bankofmaldives.com.mv/bml-small-grants އިން ލިބޭނެކަމަށްވެސް ބީއެމްއެލްއިން މައުލުމާތު ދީފައިވެއެވެ.