މީގެ ކުރިން ރާއްޖޭގެ މަސްވެރިންނަށް ފަހިވެފައި ނެތް ފުރުސަތެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހަމަޖައްސައިދީ ފި އެވެ.
އެ ހިދުމަތަކީ އެ ބޭންކް މެދުވެރިކޮށް އެކި ވިޔަފާރިތަކުން މުދާ ނެގޭނެ އިންތިޒާމެވެ. އެމްއައިބީގެ ހިދުމަކީ "އުޖާލާ ސްކީމް" އެވެ.
ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ މަސްވެރި އެއް ރަށް ކަމަށްވާ ގދ. ފަރެސްމާތޮޑާގައި "މަސްވެރިންނާ އެކު" ގެ ނަމުގައި ރޭ ބޭއްވި ބޭއްވި ރަސްމީއްޔާތެއްގައި އެމްއައިބީގެ އެކްޓިންގް ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، އިސްލާމިކް ބޭންކަކީ އަބަދުވެސް މަސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރާ ބޭންކެއް ކަމަށެވެ. އެގޮތުން ދޯނިތަކުގެ އެކި ކަންކަމަށް ދޯނި ބަނުމާއި ދޯނިތަކުގެ އެކީ ބޭނުންތަކަށް މިހާތަނަށް ފައިނޭންސްކޮށްދެމުން އައިސްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއައިބީން މިހާތަނަށް 100 އެއްހާ ދޯންޏަށް އެކި ކަންކަމުގައި ފައިނޭންސްކޮށް ދީފައިވެ އެވެ.
ރިޟާ ވިދާޅުވީ ގޮތުގައި އެމްއައިބީ މެދުވެރިކޮށް މަސްވެރިންނަށް މުދާ ނެގޭނެ، ހިދުމަތަށް ތައާރަފުވެގެން ދިއުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން އެ ސްކީމަށް މަގުފަހިވަނީ އޮޑިވެރިން އިއެކު އިސްލާމިކް ބޭންކުން ހަދާ އެއްބަސްވުންތަކާ އެކީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމާޒަކީ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށް ވިދާޅުވި އެވެ.
އެމްއައިބީން ހިދުމަތް ފަށައިގަންނަނީ ހަތަރު އޮޑިވެރިއަކާ އެކީގަ އެވެ. އެގޮތުން އޮޑިތަކުގެ މަސްވެރިނަށް ސްކީމުގައި ބައިވެރިވެ، އިސްލާމިކް ބޭންކުގެ އުޖާލާ ސްކީމުގެ ތެރެއިން މުދަލަށް ފައިނޭންސްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ސްކީމުގައި އޮޑިވެރިން ބައިވެރިވަނީ ގެރެންޓަރއެއްގެ ގޮތުގައެވެ. ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް މި ވަގުތު 400،000ރ. އާއި ހަމައަށް މުދާ ނެގޭނެ އެވެ. އެމްއައިބީން ބުނީ، މަސްވެރިން މި ސްކީމުގައި ބައިވެރިވާ މިންވަރަށް ބަލައި، ސްކީމުގެ ލިމިޓު އިތުރުކޮށް އިތުރު ގިނަ ބާވަތްތަކެއް ނެގުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ތަނުގައި ލިބިގެން ދާނެ ކަމަށެވެ.
އެ ބޭންކުން ބުނި ގޮތުގައި "އުޖާލާ ސްކީމް" ގައި މަސްވެރިން ބައިވެރިކުރަން ފެށުމުން އެ މީހުންގެ ދިރިއުޅުމަށް އިތުރު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމްއައިބީން ބުންޏެވެ.