Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

އޭސީސީގެ އާ ރައީސަކީ ޝާމިލު

ހުސްކަމެއްގައި އޮންނަތާ ދުވަސްތަކެއް ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާ މެމްބަރުންތައް ހަަޖެއްސުމާ އެކު އެތަނުގެ އާ ރައީސަކަށް އާދަމް ޝާމިލް ހަމަޖައްސައިފަ އެވެ.

ތ. ވިލުފުއްޓަށް އުފަން ޝާމިލަކީ ކޮމިޝަންގައި ކުރިން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައި ބޭފުޅެކެވެ. އަދި އޭނާ ފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށެވެ. ޝާމިލަކީ ގައުމީ ޔުނިވާސިޓީން މާސްޓާސް އޮފް ލޯ ހާސިލުކޮށްފައިވާ ބޭފުޅެކެވެ.

އޭސީސީގެ ނައިބު ރައީސަކަށް ހަމަޖެއްސީ އެތަނުގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ކުރިން ހުންނެވި ށ. ނަރުދޫ، ހަވާ، އަބްދުއްސަލާމެވެ. ރައީސާއި ނައިބު ރައީސް ހޮވާފައި ވަނީ މެމްބަރުންގެ މެދުގައި މެނި ސިއްރު ވޯޓަކަށް ފަހު އެވެ.

ފަސް މެމްބަރުން ހިމެނޭ އޭސީސީގެ އާ މެމްބަރުންގެ ގޮތުގައި ދެން ހިމެނިވަޑައިގަންނަވަނީ ތާހާ މުހައްމަދު، ކަޅިހާރުގެ/އދ. މާމިގިލި އާއި ޝަޒްނާ ހާޝިމް، ރިހިވިލު/ހދ. ނޮޅިވަރަންފަރުގެ އިތުރުން ޝިޔާމާ މުހައްމަދު، ނާރެސް/ރ. ހުޅުދުއްފާރެވެ.

އޭސީސީ އަށް އާ މެމްބަރުންތަކެއް ހަމަޖައްސައި މެމްބަރުން އިއްޔެ ރަސްމީކޮށް އައްޔަންކުރީ ކޮމިޝަންގެ ކުރީގެ މެމްބަރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.