Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ޗެލްސީ ގަންނަން 30 ހުށަހެޅުމެއް

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް ޗެލްސީ ގަންނަން 30 ފަރާތްތަކުން ބިޑު ހުށަހަޅައިފި އެވެ.

އެ ޓީމް ވިއްކައިލަން ނިންމިކަން އެ ކްލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އިއުލާން ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. ޗެލްސީ ގަންނަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ރޭ ވަނީ ބަންދުވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ބިޑު ހުށަހެޅުމުގެ ފުރުސަތު ބަންދުވިއިރު 30 ފަރާތަކުން ވަނީ ބިޑުތައް ހުށަހަޅާފަ އެވެ. ޗެލްސީ ވިއްކާލުމުގެ ކަންކަން އަބްރަމޮވިޗްގެ ފަރާތުން ކުރިއަށް ގެންދަނީ އެމެރިކާގެ އިންވެސްޓްމެންޓް ބޭންކަކުންނެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެންމެ ރަނގަޅު ތިން ބިޑު ޝޯޓްލިސްޓު ކުރުމަށްފަހު އެތަނުން އެއް ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ބޭންކުން ޗެލްސީ ވިއްކާލަން ނިންމާ ފަރާތަށް އިނގިރޭސި ސަރުކާރުން ވެސް ރުހުން ދޭން ޖެހޭއިރު، ކްލަބު ހިންގުމާއި ރަސްމީކޮށް ހަވާލުވެވޭނީ ޕްރިމިއާ ލީގުން ހުއްދަ ދިނުމުންނެވެ.

ޗެލްސީ ގަތުމަށް ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން އޭޝިއާގެ ބައެއް ބިލިއަނަރުންނާއި ކުންފުނިތައް ހިމެނެ އެވެ. ޗެލްސީ ވިއްކާލުމަށް ނިންމާފައިވާނީ ގާތްގަނޑަކަށް ތިން ބިލިއަން ޕައުންޑަށެވެ.

ދެހާސްތިނެއްގައި އަބްރަމޮވިޗް ޗެލްސީ ގަތީ 140 މިލިއަން ޕައުންޑަށް ކަމަށްވާއިރު، އިނގިރޭސި ސަރުކާރުން އަބްރަމޮވިޗް އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޗެލްސީ ވިއްކާލުމަށްފަހު ލިބޭ އެއްވެސް ފައިސާއެއް އަބްރަމޮވިޗް އަށް ނުލިބޭނެ އެވެ.

އަބްރަމޮވިޗް އަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޗެލްސީ މިހާރު ހިންގަމުން އަންނަނީ ހާއްސަ ލައިސަނެއްގެ ދަށުންނެވެ. އެ ލައިސަންސްގެ ދަށުން ކްލަބު ހިންގާއިރު ޗެލްސީ ކުޅޭ މެޗުތަކަށް ސަޕޯޓަރުން ވައްދަން ޓިކެޓް ނުވިއްކޭއިރު އެ މެޗުތަކަށް ވަދެވޭނީ ހަމައެކަނި ސީޒަން ޓިކެޓް ގަނެފައިވާ 25،000 ޗެލްސީ ސަޕޯޓަރުންނަށެވެ. އަދި ޗެލްސީގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުން ވެސް މި ވަގުތަށް ވަނީ ހުއްޓާލަން ޖެހިފަ އެވެ.