އައްޑޫގައި އަނެއްކާ ވެސް ބޮޑެތި އެކްސިޑެންޓްތައް އިތުރުވަނީ އެވެ. ބާރަށް ދުއްވައިގެން ކޮންޓްރޯލް ނުވެ ހިނގާ ހާދިސާތައް އިތުރުވަނީ އެވެ. އިއްޔެ އަކީ ވެސް ހަމަ މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގި ދުވަހެކެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ހަމަ މިފަދަ ހާދިސާއެއް ވަނީ ހިނގައި އެވެ.
އެކްސިޑެންޓްތަކަކީ އައްޑު އަށް އާ ކަމެއް ނޫނެވެ. އެކްސިޑެންޓް ނުހިނގާ ދުވަހެއް މަދުވާނެ އެވެ. ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑެތި މަގުމަތީގެ އެކްސިޑެންޓްތައް ހިނގާފައި ވަނީ ވެސް އައްޑޫގަ އެވެ. ލިންކް ރޯޑް 2003 ގައި ބޭނުންކުރަން ފެށި ހިނގި ފަހުން އެކްސިޑެންޓްތަކުގައި މިހާތަނަށް 200 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެ، އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި އައްޑޫގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން ނުކުޅެދޭ މީހުންނަށްވި މީހުން ވެސް މަދެއް ނޫނެވެ.

އެހެންވެ އެކްސިޑެންޓްތަކާ މެދު ބަޔަކަށް "ފިލާވަޅެއް" ލިބޭ ނަމަ އޮތް އެ ބަޔަކީ އައްޑޫ މީހުންނެވެ. އެކަމަކު މަންޒަރު ފެންނަ ގޮތަށް ބަލާ އިރު ފިލާވަޅުން ލިބުނު އިބުރަތުގެ ބޭނުން ހިފާ ތަނެއް ނުފެނެ އެވެ. އެކްސިޑެންޓްތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދެވޭ މިންވަރު އަދިވެސް ވަރަށް ކުޑަ އެވެ.
ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދި ލިންކް ރޯޑްގެ ފަހުން އައްޑޫގެ އަވަށްތަކުގައި އިތުރު މަގުތަކެއް ވެސް ވަނީ ތާރު އަޅައިގެން ހަދައިފަ އެވެ. އެފަދަ މަގުތަކުގައި ވެސް ހިނގާ ހާދިސާތައް މަދެއް ނޫނެވެ. ޓްރެފިކް ސަމާލުވުމާއި ގާނޫނާއި ގަވައިދާ އާންމުން އަމަލުކުރެވޭތޯ ފުލުހުން ވެސް ބަލަ އެވެ. ދޭތެރެ ދޭތެރެއިން އެކި ފެންވަރުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްރައް ހިންގަ އެވެެ. ދުވެލި މަތަކުރުމަށާއި މަގުތަކުގެ ރައްކާތެރި ކަމަށް ސަމާލުކަން ދިނުމަށް އަންގައި ޖަހާފައިވާ އިލްތިމާސާއި ނަސޭހަތުގެ ބޯޑުތައް ވެސް މަދެއް ނޫނެވެ.
ލިންކް ރޯޑްގައި 60 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައި އޮންނަ ސަރަހައްދުގައި ދުއްވާ އިރު ހެލްމެޓް އަޅަން ގާނޫނު މަޖުބޫރުކޮށްފައި އޮތަސް އެކަމަށް ވެސް ތަބާނުވާ މީހުން ފެނެ އެވެ. މީގެ އިތުރުން ރަށުތެރޭގައި ދުއްވަން ހުއްދަ ދީފައި އޮންނަ މިންގަނޑު "ބޮލާލާ ޖަހައި" ސައިކަލާއި ކާރު ދުއްވާ މީހުންނާ ހެދި ބައެއް ފަހަރު އާންމުން ބިރުން ގޮސް ފިއްކަނޑައިގެންދާވަރު އެވެ.
އައްޑޫގައި މިހާތަނަށް ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަށް ބަލާ އިރު، ގިނަ ހާދިސާތައް ގުޅެނީ ބާރު ދުވެއްޔާ އެވެ. އެހެންވެ އެއީ ވަކިން ބޮޑަށް ސަމާލުކަން ދޭން ޖެހިފައި އޮތް ކަމެކެވެ. ފުލުހުން ދާދި ފަހުން ހިންގަން ފެށި ޓްރެފިކް އޮޕަރޭޝަނެއްގައި މިކަން ކުރިއަށް ވުރެ ރަނގަޅަށް މޮނިޓަކުރަން މިހާރު ވަނީ "ސްޕީޑް ގަން" ވެސް ބޭނުން ކުރަން ފަށައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ވަސީލަތުގެ އެހީގައި ދެން ބާރަށް ދުއްވާ މީހުން "މައިތިރިކުރެވި" އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ އެވެ.
ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖް އަބްދުﷲ އިބްރާހިމް (ޑީޑީ) ވިދާޅުވި ގޮތުގައި އައްޑޫގައި "ސްޕީޑް ގަން" ބޭނުންކުރަން ފެށުމުގެ މައިގަނޑު މަގުސަދަކީ ބާރަށް ދުއްވުން ހުއްޓުވައި މަގުތަކުގެ އަމާން ރައްކާތެރި ތަންތަނަށް ވެސް ހެދުމެވެ.
"އެހެންވީމަ [ދެން] ބާރު ސްޕީޑަށް ދުއްވާ އުޅަނދުތަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން." މިދިޔަ މަހުގެ 16 ގައި ބޭނުންކުރަން ފެށި ޒަމާނީ "ސްޕީޑް ގަން" އާ ބެހޭ ގޮތުން ޑީޑީ ވިދާޅުވި އެވެ.
ކުރިއަށް އޮތީ ރޯދަ މަހެވެ. ހަވީރު ފިންޏަަށް ބުރުޖަހަން ނުކުންނަ މީހުންނާ އެކު ވަކިން ހާއްސަކޮށް ހަވީރު މަގުތަކަށް ބާރު ބޮޑުވާނެ އެވެ. ހާއްސަކޮށް ލިންކް ރޯޑާއި އަވަށްތަކުގެ ބޮޑެތި މަގުތަކުގަ އެވެ. އެހެންވެ ރޯދަ މަހާ ދިމާކޮށް މަގުތަކަށް ސަމާލުވުމަކީ ވަރަށް ވެސް މުހިއްމު ކަމަކަށް ވާނެ އެވެ.
އައްޑޫގެ މަގުތަކަށް ނުކުންނަން ޖެހެނީ "ފުރާނަ އަތްމައްޗަށްލައިގެން" ކަމަށްވާތީ، މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ފަރުދީ ޒިންމާގެ މުހިއްމުކަން ވެސް ވަރަށް ބޮޑެވެ. މަގަކީ އެންމެން ބޭނުންކުރާ ތަނަކަށްވުމާ އެކު، މަގުތަކަކީ ހުރިހާ އެންމެންމަށް ވެސް ރައްކާތެރި ތަނަކަށްވާން ޖެހެ އެވެ. އެކަމަކު އައްޑޫގައި ފެންނަނީ ބާރު ސްޕީޑްގައި ދުއްވާ މީހުންގެ "ބާރާއި ނުފޫޒު" މަގުތަކުގައި ވަކިހިއްޕާލާފައިވާ ތަނެވެ. އެހެންވެ ޓްރެފިކް ފުލުހުންގެ ދައުރު ވެސް ބޮޑުވާން ޖެހެ އެވެ.