Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

މިމަހު މިހާތަނަށް 78،500 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިމަހު މިހާތަނަށް 78،500 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 78،500 ފަތުރުވެރިންނެވެ.

މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 359،272 އަށް އަރާފައެވެ. މިއަހަރު ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި ޖެނުއަރީ މަހު 131،764 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވެއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގައުމުން 49،364 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 40،672 ފަތުރުވެރިން އަދި އިންޑިއާއިން 36،349 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން އިޓަލީ، ޖަރމަނީ، ޔޫކްރެއިން، އެމެރިކާ، ފްރާންސް، ސައުދިއަރަބިއްޔާ އަދި އޮސްޓްރިއާއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،478 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 163 ރިސޯޓުގައި 38،928 އެނދު، 654 ހޮޓެލް، ގެސްޓްހައުސްގައި 12،630 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2920 އެނދެވެ.

މިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.