ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އިން މީހުން ބޭލި ހާދިސާގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން ފަށައިފިއެވެ.
އެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، ހެނދުނު ދަންފަށީގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ލައިވްކޮށް ދައްކައިގެންނެވެ. އަދި މެންދުރުގެ ދަންފަޅި 14:30 އިން 18:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އެ ދަންފަޅިވެސް ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ މިމައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވަނީ ތިނަދޫ ކައުންސިލާއި ބައެއް އަމިއްލަ ފަރާތްތަކުންނެވެ.
ތިނަދޫން މީހުން ބޭލީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ގަ އެވެ.
މީގެ ދެ އަހަރު ކުރިން އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ.