ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެ ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.
ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވެގެން ފައިސާ ލިބެން ޖެހޭ ހަތަރު ޕާޓީއެެއް އޮތް ނަމަވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ ދެ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އެވެ. އެ ދެ ޕާޓީ އަށް ފައިސާ ދޫކުރަން ފިނޭންސްގައި އެދުނީ މިދިޔަ އެވެ.
އިލެކްޝަންސް އިން ބުނީ އަދާލަތު ޕާޓިން ވެސް ލިޔެކިޔުންތައް ހުށަހަޅާފައިވާތީ އެ ޕާޓީ އަށް ފައިސާ ދޫކުރަން މި ހަފުތާގެ ތެރޭގައި އެދޭނެ ކަމަށެވެ. ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ނަމަ އެވެ. ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް ރަޖިިސްޓްރީކޮށްފައި އޮތް ނަމަވެސް އެ އަދަދަށް މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގަ އެވެ.
އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތެވެ.
ޕާޓީތަކުގައި މެމްބަރުން ތިބި އަދަދާއި ފައިސާ ދޫކުރާ އަދަދު:
* އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96ރ.
* ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51ރ.
* ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74ރ.
* އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79ރ.