Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

މާހެފުމަކީ ބިދުއައެއް ނޫން: ޝައިހް ޒައިދު

ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މާހެފުމަކީ ބިދުއައެއް ނޫން ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

މާހެފުމަކީ ބިދުއެެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާހެފުމަކީ އެއްގޮތަކަށް ވެސް ބިދުއައެއް ނޫން ކަމަށާއި އެކަމަކީ ވަރަށް ކުރިއްސުރެ ވެސް ދިވެހިން ސަގާފީ ކަމެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން!" ޒައިދު ވިދާޅުވި އެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް މާހެފުން ވަރަށް ތަފާތު ގޮތްގޮތަށް ބާއްބަމުން އާދެ އެވެ. އެގޮތުން ބޮޑެތި ޖަމާއަތްތައް ހަދައިގެން މާހެފުން ބޭއްވުމާއި އެކިއެކި އޮފީސްތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް މާހެފުން ވަރަށް ކުލަގަކޮށް ފޯރީގައި ބާއްވަ އެވެ. އަދި ބައެއް ރަށްރަށުގެ އަވަށްޓެރިންގެ މެދުގައި ވެސް މާހެފުންތައް ބާއްވަމުން އާދެ އެވެ. ހަމަމިއާ އެކު ރޯދައާ ދިމާކޮށް މިހާރު ރެސްޓޯރަންޓް ފަދަ ތަންތަނުން ވެސް މާހެފުން އިންތިޒާމުކޮށްދެ އެވެ.

މިކަމަކީ އިޖުތިމާއީ ގުޅުން ވެސް ބަދަހިކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.