އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) ގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.
އެވްސެކޮމްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް ބަރޯސާވާ އަދި އެތެރޭގެ އުދުހުންތައް އިތުރުވެފައިވާ ރާއްޖޭގެ 18 އެއާޕޯޓަކުން ފުރައި/ޖައްސާ ކޮންމެ ފްލައިޓަކާއި، އެފްލައިޓަކަށް އަރާ ކޮންމެ ފަސިންޖަރަކާއި، އެފްލައިޓަކުން އުފުލާ ކޮންމެ ފޮއްޓަކާއި ކާގޯއަކީ، ސަލާމަތީގޮތުން އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ބަލާ، ކަށަވަރުކުރަނީ އެވްސެކޮމުން ކަމަށެވެ. އެގޮތުން، ފަސިންޖަރުންގެ ބޮޑީޗެކްކުރުމާއި ލަގެޖް ޗެކްކުރުމާއި މި ނޫނަސް ސަލާމަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާޢަތުތަކެއް އެވްސެކޮމްގެ ސެކިއުރިޓީ އޮފިސަރުން ފުރިހަމަކުރާ އިރު، އާންމު ރައްޔިތުންނަށް ބައެއް ފަހަރު އުނދަގޫ ވިޔަސް، މިއީ އާޚިރުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަންކަމަށްވާތީ، މިކަމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުން މުހިއްމުކަން މާރިޔާ ވިދާޅުވި އެވެ.
އެވްސެކޮމުން 24 ގަޑިއިރު ކުރާ މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން؛ މިމަސައްކަތަށް ދަތުރުވެރިންގެ އެއްބާރުލުން ބޭނުން؛ އޮފިސަރުން ފަސިންޖަރުންނާ އަދަބުވެރިކަމާއެކު މުޢާމަލާތްކުރުން މުހިއްމު – މިނިސްޓަރ @MariyaDidi @AVSECOMmv https://t.co/ooyoSPW5uX pic.twitter.com/ecyAVVIBkK
— Ministry of Defence (@MoDmv) March 19, 2022
އޭނާ ވިދާޅުވީ މިއަދު ދުނިޔޭގެ ސަލާމަތީ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަހައްދަށް ވެސް ފޯރަމުންދާ ކަމަށާއި އަވަށްޓެރި ލަންކާ އަށް ދިން އީސްޓަ ސަންޑޭ ހަމަލާ އާއި، އދ. މަހިބަދޫ ފަޅުގައި އަޅާފައި ހުރި ލޯންޗުތަކެއްގައި ރޯކޮށްލުމާއި، މެއި 6 ގެ ޓެރަރިސްޓް ޙަމަލާ ފަދަ ޖަރީމާތަކުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެ އަށް އޮތް މިންވަރު ހާމަވާ ކަމަށެވެ. އަދި މިގޮންޖެހުންތަކާ ކުރިމަތިލުމުގައި އެވްސެކޮމްގެ ދައުރު ވަރަށް މުހިއްމުކަމަށް ވިދާޅުވި އެވެ.
އެވްސެކޮމްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ކޮވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައި ވެސް، 2013 ގައި އެވްސެކޮމް އުފެދުނިއްސުރެ، މިހާތަނަށް އައިއިރު، މުވައްޒަފުންނަށް ނުލިބި އޮތް މަޤާމުގެ ކުރިއެރުން ލިބޭނެ މަގުފަހިކޮށްދެއްވި ކަމަށްޓަކައި، އެވްސެކޮމްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން، މިނިސްޓަރު މާރިޔާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
އެވްސެކޮމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕަރިންޓެންޑެންޓް އޮފް އޭވިއޭޝަން ސެކިއުރިޓީގެ މަޤާމަށް ދެ އަންހެނަކު އައްޔަންކުރެވުމަކީ ވެސް ކާމިޔާބީއެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.